ޚަބަރު

"އިސްކަމަކަށްވާންވީ ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދިނުން"


ފުލުހުންގެ ޚިދުމަތުގެ އެންމެ އަސާސީ އިސްކަމަކަށް ވާންވާނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނަގަނެ އެކަންބޮޑުވުންތައް ފިލުވައިދިނުމަށް މަސައްކަތްކުރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު މިހެން ވިދާޅުވީ ދ. ވާނީގައި ހުންނަ ޕޮލިސް ޓްރޭނިންގ ސްކޫލް އަށް ވަޑައިގެން އެސްކޫލްގައި ތަމްރީނު ފުރިހަމަ ކުރަމުންދާ 28 ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯހުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ޕޮލިސް ޓްރޭނިންގ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މިބައްދަލުކޮށްލެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވިދާޅުވީ އަސާސީ ތަމްރީނަކީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ބިންގާ އުނގަންނައިދޭ މައިގަނޑު ހަރުފަތް ކަމަށާއި ތަމްރީނުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުރިހާ ފުލުހުންވެސް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމަށްފަހު މަސައްކަތުގެ މައިދާނަށް ނުކުންނައިރު ހެދިފައިވާ ޤާނޫނާއި ޤަވާއިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ އަމަލުތައް ބައްޓަންކުރުމަށާއި އެދިލައްވައި، ޚިދުމަތުގެ އެންމެ އަސާސީ އިސްކަމަކަށް ވާންވާނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނަގަނެ އެކަންބޮޑުވުންތައް ފިލުވައިދިނުމަށް މަސައްކަތްކުރުން ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ޑިސިޕްލިންޑް ފޯސްއެއް ކަމަށާއި އަޚްލާޤާއި ރިވެތި ސުލޫކުގެ ތެރެއިން ވެރިން ކުރާ ޤާނޫނީ އަމުރުތަކަށް ހުރިހާ ފުލުހުންވެސް ކިޔަމަންވާންވާނެ ކަމަށެވެ.

މިބައްދަލުވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވަނީ 28 ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯހުގެ މުދައްރިބުންނާއިވެސް ބައްދަލުކުރައްވާފައެވެ.

މުދައްރިބުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން ބޭނުންވާ ފަދަ އަޚްލާޤު ރަނގަޅު ކެރޭ މުރާލި ފުލުހުން ތަކެއް އުފައްދައިދިނުމަށް ތެދުވެރިކަމާއި ރިވެތި އަޚްލާޤުގެ ސިފަތައް އުނގަންނައިދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މުދައްރިބުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.