ޚަބަރު

ލަލީގާގެ އާސީޒަންގެ ފެށުން މާދަމާ


  • ފުރަތަމަ ހަފްތާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ނުކުޅޭނެ

ސްޕެނިޝް ލަލީގާގެ އައު ސީޒަން މާދަމާ ރޭ ފެށުމަށް ތައްޔާރުވެފައިވާއިރު ފުރަތަމަ ހަފްތާގައި ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފެނިގެނެއް ނުދާނެއެވެ.

ލަލީގާގެ އައު ސީޒަނާއި ކުރިމަތިލާއިރު މިފަހަރުވެސް އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނީ ބާސާ އާއި ރެއާލްގެ މެދުގައިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. މިފަހަރުގެ މުބާރާތާއި ޗެމްޕިއަން ބާސާއިން ކުރިމަތިލަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލަލީގާގެ ތަށި އުފުލާލުމުގެ އުންމީދާއެކުއެވެ. ބާސާއިންވަނީ ވޭތިވެދިޔަ ދެސީޒަންގައިވެސް ލަލީގާ ކާމިޔާބު ކޮށްފައެވެ.

ބާސާގެ މިމަސައްކަތަށް ހުރަސް އެޅުވުމުގެ ބޭނުމުގައި ރެއާލް އިންވަނީ އެޓީމުގެ ކޯޗަކަށް މިސީޒަންގައި ތަޖްރިބާކު ހޯސޭ މޮރީނިއޯ ގެންގޮސްފައެވެ. އަދި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއްވެސް އެޓީމަށް ގެންގޮސްފައިވެއެވެ. ރެއާލްއިން ވަނީ ލީގު ތަށި ކާމިޔާބު ނުކުރެވި ދެ ސީޒަން ގޮސްފައިވުމުގެ ސަބަބުން މިކަން ބަދަލު ކުރުމަށް މިފަހަރު އަޒުމް ކަނޑައަޅައިފައެވެ.

މިދެޓީމު އައު ސީޒަނަށް ވަރަށް ފޯރިއާއެކު މިހާރު ތައްޔާރުވަމުންދިޔަ ނަމަވެސް ލަލީގާގެ ފުރަތަމަ ހަފްތާގައި މިދެޓީމު ވާދަނުކުރާ ގޮތަށް ލީގުން ވަނީ ހަދައިދީފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވީ މިދެޓީމަށް ނިސްބަތްވާ ގިނަަ ކުޅުންތެރިންތަކެއް ވޯލްޑް ކަޕްގެ ފަހުގެ މަރުހަލާތަކުގައި ވާދަކޮށްފައިވުމެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އުފުލާލި ސްޕެއިން ޓީމުގެ 8 ކުޅުންތެރިން ބާސާ ޓީމަށް ނިސްބަތްވެއެވެ. އަދި ރެއާލް އަށް ބަލާލާއިރު އެޓީމުގައިވެސް ސެމީ ފައިނަލަށް ދަތުރުކުރި ފަރަންސޭސި ޓީމަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އިންގްލަންޑާއި ސްޕެއިން ޓީމުން ފެނިގެންދިޔަ ކުޅުންތެރިން ހިމެނެއެވެ. މިއާއެކު ބާސާއިން ލަލީގާގައި ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެލްޗޭ އާއި ދެކޮޅަށެވެ. އަދި ރެއާލް ނިކުންނާނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެންޕަންޔޯލް އާއި ދެކޮޅަށެވެ.

ލަލީގާގެ އައު ސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އަލަވޭޒް އާއި ގެޓާފޭއެވެ. މީގެއިތުރުން އާދިއްތަ، ހޯމަ އަދި ބުދަދުވަހާއެކު ފުރަތަމަ ހަފްތާގެ އިތުރު 6 މެޗު ކުޅުމަށް ހަމަޖެހިފައިވެެެއެވެ. އޮޕްޓާ ސުޕަރ ކޮމްޕިއުޓަރ އިން ބުނާގޮތުގައި މިސީޒަންގައި ލަލީގާ ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ކާމިޔާބު ކުރުމަށް ނިކުންނަ ބާސާ އަށެވެ. މިގޮތުން އެޓީމަށް ލީގު ކާމިޔާބު ކުރުމުގެ 45.6 އިން ސައްތަ ފުރުސަތު އޮތް ކަމަށް އޮޕްޓާ ގަބޫލް ކުރެއެވެ. އެހެން އެކަން ވެއްޖެނަމަ މިއީ 2008 އިން 2011 ވަނަ އަހަރާއި ދެމެދު ބާސާއިން ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ލީގު ހެޓްރިކް ހެދިފަހުން އެކަން ކުރެވިގެންދާނެ ފުރަތަމަ ފަހަރެވެ. ބާސާ އާއި އެންމެ ގާތުން ވާދަކުރާ ރެއާލްއަށް އެ ސުޕަރ ކޮމްޕިއުޓަރ ދީފައިވަނީ 31 އިން ސައްތަ ފުރުސަތެވެ. މިދިޔަ ސީޒަންގައި ހަތަރު ވަނަ އަށް ލީގު ނިންމާލި އެޓްލެޓިކޯ މެޑްރިޑްއަށް އޮޕްޓާގެ ލިސްޓުން މިފަހަރު ލިބެނީ ތިންވަނައެވެ. އަދި ހަތަރު ވަނަ ވިޔަރެއާލްއަށް ލިބޭއިރު ފަސް ވަނައިގާ އުޅެނީ ރެއާލް ބެޓިސްއެވެ.