2027 ވަނަ އަހަރުގެ ސްޕެނިޝް ސުޕަރ ކަޕް ތުރުކީޔޭގައި ބާއްވަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ނިންމައިފިއެވެ.
ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ހާމަކުރިގޮތުގައި މިމުބާރާތް ބާއްވާނީ އިސްތަންބޫލްގެ އަޓަޓާރކް އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އަދި އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ 2 އިން 7 އަށެވެ. މިއަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާނީ ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ދެވަނަ ޓީމު ރެއާލް މެޑްރިޑްގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލްރޭގެ ޗެމްޕިއަން ރެއާލް ސޮސިއެޑާޑާއި ރަނަރ އަޕް ޓީމު އެޓްލެޓިކޯ މެޑްރިޑެވެ.
މިމުބާރާތް 2020 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައިސްފައިވަނީ ސައުދީ އަރަބިއާގައެވެ. ނަމަވެސް މިއަންނަ އަހަރު މިމުބާރާތް ކުޅޭ ދުވަސް ވަރަކީ ސައުދީ އަރަބިއާގައި އޭޝިއަން ކަޕް ކުޅޭ ދުވަސް ވަރަށް ވުމުން މިއަންނަ އަހަރުގެ މުބާރާތް ތުރުކީޔޭއަށް ބަދަލު ކުރަން ސްޕެނިޝް ފެޑެރޭޝަނުން ނިންމީއެވެ. މިއަންނަ އަހަރުގެ އޭޝިއަން ކަޕް ސައުދީ އަރަބިއާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 7 އިން ފެށިގެން ފެބްރުވަރީ މަހުގެ 5ގެ ނިޔަލަށެވެ.
ސްޕެނިޝް ސުޕަރ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބާސާއެވެ. ބާސާއިން މިއަހަރު ސައުދީ އަރަބިއާގައި ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހުއެވެ. ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ހާމަކުރާގޮތުގައި މިމުބާރާތް 2028 ވަނަ އަހަރު އަނެއްކާ ސައުދީ އަރަބިއާއަށް އެނބުރި ގެންދެވޭނެއެވެ.
ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންވަނީ ސައުދީ އަރަބިއާއާއެކު ސުޕަރ ކަޕް ބޭއްވުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން 2029 ވަނަ އަހަރާއި ހަމައަށް މިމުބާރާތް ސައުދީ އަރަބިއާގައި ބޭއްވުމަށް ދެ ފަރާތުންވަނީ އެއްބަސްވެފައެވެ. މިގޮތުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި 7 މުބާރާތުގެ ތެރެއިން 6 މުބާރާތް ބާއްވާފައިވަނީ ސައުދީ އަރަބިއާގައެވެ. 2021 ވަނަ އަހަރުގެ މުބާރާތް ސްޕެއިންގައި ބާއްވާފައިވަނީ ކޯވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވި ހުރަސްތަކުގެ ސަބަބުންނެވެ. އަދި މިއަންނަ އަހަރުގެ މުބާރާތަކީ ތުރުކީޔޭގައި ސްޕެނިޝް ސުޕަރ ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.