ތަޢުލީމު

ވިޔަފާރީގެ ދާއިރާއިން ޕީއެޗްޑީ ކޯސްތަކެއް ފަށަނީ


ރާއްޖޭގައި ތިބެގެން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއާއެކު ޤައުމީ ޔުނިވަރސިޓީން ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ޤައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލް މެދުވެރިކޮށް ވިޔަފާރީގެ ދާއިރާގެ އެކި ޕީއެޗްޑީ ކޯސްތައް ހިންގެވުމަށް ހަމަޖައްސަވާފައިވާ ކަމަށް ޤައުމީ ޔުނިވަސިޓީން މައުލޫމާތުދެއްވައެވެ. 

ޤައުމީ ޔުނިވަރސިޓީގެ ކޮންފަރެންސް ހޯލުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފެވެ. މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް އޮފް ބިޒްނަސް ސްކޫލް ޕްރޮފެސަރ ޑރ. އަލީ ޚާތިބީއެވެ. އަލަށް ފައްޓަވާ ކޯސްތަކަށް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށާއި އަދި އަންނަ އަހަރު މި ކޯސްތައް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރައްވައެވެ.