ތިމާވެށި

ހުޅުމާލޭގައި ކުނި ޖަމާކުރަން ޚާއްސަ ސަރަޙައްދެއް ޤާއިމްކުރަނީ


ހުޅުމާލޭގައި އެއްދުވަހުން އަނެއްދުވަހަށް ދަނީ އާބާދީ އިތުރުވަމުންނެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، ހަރުދަނާ ގޮތެއްގައި ކުނިނައްތާލުމުގެ ނިޒާމަކީ ހުޅުމާލެއަށް ބޭނުންތެރި ނިޒާމެކެވެ. އެގޮތުން ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ވޭސްޓް ޔާޑެއް ތަރައްޤީކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން/ އެޗްޑީސީއާއި ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން/ ވެމްކޯއިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެޗް.ޑީސީގައި ބޭއްވެވި ރަސްމިއްޔާތެއްގައި، މިއެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މޭނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މޭނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފުޢާދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ކުނި އަޅަމުންދާ ސަރަހައްދު އެހެން ސަރަހައްދަކަށް ބަދަލުކުރައްވާނެކަމަށެވެ. އަދި ކުނި ކަލެކްޓް ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރައްވާނެކަމަށް ފުޢާދު ވިދާޅުވިއެވެ.

އެޗް.ޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭއަކީ ބާރު ސްޕީޑްގައި ތަރައްޤީވަމުން އަންނަ ސަރަހައްދެއްކަމަށާއި، މިހާތަނަށް ހުޅުމާލޭގައި ކުނި މެނޭޖް ކުރުމުގައި އެދެވޭ ހައްލެއް ހޯދިފައިނުވާކަމަށެވެ. ހުޅުމާލެއަށް މިހާރު ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް، މިއެއްބަސްވުމާއި ގުޅިގެން ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް އެޗް.ޑީ.ސީން ހާމަކުރައްވައެވެ.