ޚަބަރު

"ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި މައްސަލަތަކުން އަދިވެސް އަރައިނުގަނެވޭ"


  • މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ހަގީގީ މާނައިގައި ސަރުކާރުން ހައްލުތައް ހޯދައިދޭނެ

  • 11 އައިސްޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި މައްސަލަތަކުން އަދިވެސް ރަނގަޅަށް އަރައިނުގަނެވޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރާފައިވާ މިންވަރު ހާމަކުރައްވައި ވާހަކަދައްކަވަމުންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުން ކަމަށެވެ. ފެނަކައިގައި އެތަންތަނާ ހަވާލުވެތިބީ އެފަދަ މަސައްކަތްތައް ނޭނގޭ ބައެއްކަން ފާހަގަކުރައްވައި މީގެ ސަބަބުން އައިސްޕްލާންޓުތަކަށް ބޮޑެތި މައްސަލަތައް ދިމާވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކަށް ދިމާވި މައްސަލަތަކުން އަދިވެސް ރަނގަޅަށް އަރައިނުގަނެވޭ ކަމަށެވެ. އެތަންތަން ފުލް އޮޕަރޭޝަނަށް ގެނައުމަށް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަންޖެހޭ ކަމަށާއި ބައެއް އައިސްޕްލާންޓުތަކުގެ ބަދަލުގައި އައު އައިސްޕްލާންޓުތައް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރީ ބޮޑެތި ގޮންޖެހުންތަކެއް އުފައްދާފައި، ޒަމާނުއްސުރެ، ޒަމާންތަކަކަށް ވަންދެން މި އުނދަގޫ ހާލަތު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އޮތީ. އެއްވެސް ސަރުކާރެއް ބޭނުމެއް ނުވޭ، ހަގީގީ މައްސަލައަށް ހައްލު ހޯދަން. ޙަގީގީ މައްސަލައަށް ހައްލު ހޯދަންޏާ ވަރަށް ބޮޑެތި ހޭދަތައް ދައުލަތުން ކުރަންޖެހޭ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން މި މައްސަލަތަކުގެ ހައްލަކީ ހަމައެކަނި ސަބްސިޑީ ދިނުން ކަމަށް ގަބޫލުކުރި ނަމަވެސް މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ހަގީގީ މާނައިގައި އަދުގެ ސަރުކާރުން ހައްލުތައް ހޯދައިދެއްވަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މަސް ރައްކާކުރެވޭ މިންވަރު 25،000 ޓަނަށް އިތުރުކުރެވުމުން މޫސުމީ މަސްވެރިކަމުގައި ބާނާ މަސް ރައްކާ ކުރެވި، އޭގެ ހަމަ އަގުގައި ބޭރުގެ ބާޒާރުތަކުގައި ވިއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އިނގިރޭސިވިލާތުން ރާއްޖޭގެ މަހުން ނަގާ ޓެރިފް އުވާލުމުގެ ސަބަބުން މަސްވެރިން އަތުން ރަނގަޅު އަގެއްގައި ކުންފުނިތަކުން މަސް ގަންނަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން އައިސްގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ޝިޔާމް ވިދާޅުވީ 11 އައިސްޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރެވޭނެ ނިޒާމު ގާއިމުކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާވަރަށް އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި އައު ކަންކަން ފަށައި، ކުރިން ނުލިބޭ އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.