މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ސެމިނަރ، "ސެމިނަރ އޮން ވަރކްޕްލޭސް މެންޓަލް ވެލްބީން" ރަސްމީކޮށް ފަށައިފިއެވެ. މި ސެމިނަރ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
"ސެމިނަރ އޮން ވަރކްޕްލޭސް މެންޓަލް ވެލބީން"އަކީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ބާއްވާ ސެމިނަރއެކެވެ.
މިސެމިނަރގައި ސިވިލް ސަރވިސްގެ އިދާރާތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޓީތަކުގެ އިސްވެރިންނާއި، ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ހިމެނޭހެން 60 މީހުން ބައިވެރިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސެމިނަރއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެމިނަރއަކީ، މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރިކަން ހަރުދަނާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
* ނަފްސާނީ ދުޅަހެޔޮކަމަކީ ކޮބައިކަން ދެނެގަތުން
* މަސައްކަތު މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ގޮތް
* މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރާނެ ގޮތް
ސެމިނަރ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖްތާޒް ވިދާޅުވީ، މަސައްކަތުގެ މާހައުލަކީ މުވައްޒަފުން ހިތްހަމަޖެހުމާއި، ޝައުގުވެރިކަމާއެކު މަސައްކަތް ކުރާ ތަނަކަށް ވާންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނީ، ނިޒާމީ ގޮތެއްގައި އެކަންކަން ބަލައި ވަޒަންކުރެވިގެންކަމަށް ވިދާޅުވިއެވެ.
"ދުޅަހެޔޮކަން ބިނާކުރެވޭނީ ނަފްސާނީ ދުޅަހެޔޮކަމަށް، ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް އިސްކަންދީގެން. އެގޮތުން ވަޒީފާގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ވާންޖެހޭ. އަދި އެމާހައުލަކީ ހިތްހަމަޖެހުމާއި، ޝައުގުވެރިކަމާއެކު މުވައްޒަފުން މަސައްކަތްކުރާ މާހައުލަކަށް ވާންޖެހޭ. ނަފްސާނީ ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަން ހާސިލްކުރެވިގެންދާނީ، ނިޒާމީ ގޮތެއްގައި އެކަންކަން ބަލާ ވަޒަންކުރެވިގެން." މުޙައްމަދު މުޖްތާޒް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ލީނާ ވިދާޅުވީ، މުއައްސަސާއެއްގެ ކުރިއެރުން ބިނާވަނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ.
އަދި މިއީ ދައުލަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ އެންމެ ފައިދާ ހުރި އެއް އިންވެސްޓްމަންޓްގެ ގޮތުގައި ބަލައިގަންނަންޖެހޭކަމަށް ލީނާ ވިދާޅުވިއެވެ.
"މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ހަމައެކަނި އިންސާނީ ކަރާމަތާއި ގުޅިފައިވާކަމެއްނޫން. މިއީ އިޖުތިމާޢީ، އިޤްތިސާދީ، ފަރުދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރިކަމެއް. މިއީ މުޅި މުއައްސަސާގެ ހިންގުމަށް ސީދާ ގުޅުންހުރި ކަމެއް. ދުޅަހެޔޮ މަސައްކަތުގެ މާޙައުލެއް އޮންނަ ތަނެއްގައި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ، ހުނަރުވެރި މުވައްޒަފުން މުއައްސަސާގައި ހިފެހެއްޓޭނެ." ލީނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކަންޓްރީ އޮފީހުގެ މެޑިކަލް އޮފިސަރ ޑރ. ޕަޑްމަލް ޑި ސިލްވާގެ ވާހަކައިގައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ އޭގެ ސަބަބުން ކުރާ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމެއްކަން ފާހަގަކުރައްވާފައެވެ.
"ރަނގަޅު މަސައްކަތުގެ މާހައުލަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިކޮށްދޭނެ ކަމެއް. ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބޭ ހާލަތްތަކެއް ވެސް އެބަހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން މި ފަށާ ބައްދަލުވުމަކީ ދިގު ދަތުރަކަށް ކުރެވޭ މުހިންމު މަސައްކަތެއް." ޑރ. ޕަޑްމަލް ޑި ސިލްވާ ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މިސެމިނަރގެ ތެރެއިން ޢަމަލީ ގޮތުން މަސައްކަތް ކުރެވޭނެފަދަ އުކުޅުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ދާއިރާގެ ތަޖުރިބާކާރުން މެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެކި ހަރަކާތްތައް ތާވަލުކުރެވޭނެ އެކްޝަން ޕްލޭނެއް ތައްޔާރުކުރަން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިއެކްޝަން ޕްލޭނާއެކު ކުރިމަގުގައި މަސައްކަތް ކުރާނެ ގޮތްތައް ކަނޑައެޅޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.