ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަނިޔާވެރި ކަމުގެ ސަބަބުން ހުޅަނގު އައްސޭރީގެ ޙާލަތު މިއިން ޒަމާނަކު ގޯސްނުވާ މިންވަރަށް ގޯސްވެފައިވާ ކަމަށް އދން ބުނެފިއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދގެ ކުޑަކުދިންނާ ބެހޭ ފަންޑު، ޔުނިސެފްގެ ޑެޕިއުޓީ އެކްސެކެޓިވް ޑިރެކްޓަރ ހަންނާން ސުލައިމާން ވިދާޅުވީ ފަލަސްޠީނުގެ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސިޔާސީ ޙާލަތްތައް އިންސާނީ މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ޤާއިމް ނުކުރެވޭ ކަމަށެވެ. އެ ބަދަލު ގެނައުމުގެ ބާރު ލިބިގެން ވަނީ އދގެ މެންބަރު ޤައުމުތަކަށް ކަމަށާއި، އެ ޒިންމާ އޮތީ މެންބަރު ޤައުމުތަކުގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލައިމާން ވިދާޅުވީ އިދާރީ ބަންދުތައް ނިމުމަކަށް ގެނެސް، ދާޚިލީ ފިއްތުންތައް ކުރިމަތިކުރުވައި ގެދޮރު ދޫކޮށް ދިޔުން މަޖުބޫރުކުރުވުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މަދަރުސާތަކާއި ހަސްފަތާލުތަކަށް ރައްކާތެރިކަމާއެކު ދެވޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށާއި، ކޮންމެހެން މުހިންމު އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލައިމާން އިތުރަށް ވިދާޅުވީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 174 ކުޑަކުދިން ހުޅަނގު އައްސޭރީގައި ޝަހީދުވެފައިވާ ކަމަށާއި، އެއީ ހަފްތާއަކު ކުއްޖަކަށް ވުރެ ގިނަ މަރު ކަމަށެވެ. ފަލަސްޠީނުގެ މަދުވެގެން 355 ކުޑަކުދިން އަސްކަރީ ބަންދުގައި ތިބި ކަމަށާއި، އެއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ބަންދުގައި ތިބި އެންމެ ގިނަ ޢަދަދެއްގެ ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ކުދިންނަކީ އެ ކުދިންނާ ދެކޮޅަށް ދައުވާއެއް އުފުލާފައި ނުވާ ނުވަތަ ޝަރީޢަތް ފަށާފައި ނުވާ ކުދިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔުނިސެފްގެ ޑެޕިއުޓީ ސްޕެޝަލް ކޯޑިނޭޓަރ ރާމިޒް އަލަޚަބަރޮވް ވިދާޅުވީ މިހާރު އޮތް ޙާލަތަކީ ކުއްލި ޙާލަތެއް ކަމަށާއި މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 2026ވަނަ އަހަރުގެ މިހާތަނަށް ވެސް ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށާއި، އިމާރާތްތައް ބިމާ ހަމަކުރުމުގެ ސަބަބުންނާއި ގަދަކަމުން ގެދޮރުން ބޭރުކުުރުމުގެ ސަބަބުންނާއި ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން 3،800އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒަންވެރިންގެ ހަމަލާތައް ވަނީ މީގެ ކުރިން އިތުރު ނުވާ މިންވަރަށް އިތުރުވެފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް އެ ފަދަ 1،400އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަން ރެކޯޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިިއެވެ. އަލަޚަބަރޮވް އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ އާބާދީތައް އެ މީހުން ދިރިއުޅޭ އަވަށްތަކުން ގަދަކަމުން ނެރި، އެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ޔަހޫދީން އާބާދުވަމުންދާ ކަމަށެވެ.
އޭގެ އިތުރުން ޕަލަސްޓީނިއަން އޮތޯރިޓީ، ޕީއޭއަށް ކްލިއަރަންސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 6 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޔަހޫދީ އިދާރާތަކުން ނުދީ ހިފަހައްޓާފައިވާތީ ޕީއޭއަށް ވެސް ބޮޑެތި މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.