ގައުމީ ޗެމްޕިއަން މުޙައްމަދު ޝައްފާން އިސްމާޢީލްގެ ފޯކަސް މިހާރު ހުރީ ރާއްޖޭގެ މުބާރާތްތައް ކާމިޔާބު ކުރަން ނޫން ކަމަށާއި، އޭގެ ބަދަލުގައި މިވަގުތު ބޮޑަށް ފޯކަސް ކުރަނީ ބައިނަލްއަޤުވާމީ މުބާރާތްތަކަށް ކަމަށް ބުނެފިއެވެ.
ޝައްފާން ވަނީ އަންގާރަ ދުވަހު ކުޅުނު 64 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި މޫސާ މުންސިފުގެ މައްޗަށް ކުރިހޯދާ ޗެމްޕިއަންކަން ދިފާއުކޮށްފައެވެ.
ފައިނަލަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ޝައްފާން ވަނީ ގައުމީ މުބާރާތް ދިފާއުކުރުން އެއީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ބުނެފައެވެ. އެކަމަކު ގައުމީ މުބާރާތްތަކަށްވުރެ މިހާރު ބޮޑަށް ފޯކަސް ކުރަނީ ބައިނަލްއަގްވާމީ މުބާރާތްތަކަށް ކަމަށް ޝައްފާން ބުންޏެވެ.
ޝައްފާން ބުނީ މިދިޔަ އަހަރުގެ މުބާރާތާ އަޅާބަލާއިރު، މި ފަހަރުގެ މުބާރާތުގައި މިދިޔަ އަހަރަށްވުރެ މޮޅަށް ކުޅެވުނު ކަމަށެވެ. އަދި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރިކަން ޝައްފާން ފާހަގަކުރިއެވެ.
"އަސްލު ގައުމީ މުބާރާތައްވުރެ ބޮޑަށް މިހާރު އިންޓަނޭޝަނަލް މުބާރާތުގެ ރަނގަޅު ވަނަ ލިބޭތޯ އެއީ ޝައްފާންގެ ޓާގެޓަކީ. އޭރުން ގައުމީ މުބާރާތްތައް ވެސް ރަނގަޅުވާނެ." ޝައްފާން ފާހަގަކުރިއެވެ.
ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވެސް ޝައްފާން ވާދަކުރަނެއެވެ. އެ މުބާރާތަށް ދިޔުމުގެ ކުރިން ޖަރުމަނުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ޝައްފާން ބުންޏެވެ.