ޚަބަރު

ބައި މިލިއަން މީހުންނަށް ޚިދުމަތްދެވޭ ހޮސްޕިޓަލެއް ޣައްޒާގައި ހުޅުވައިފި


ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގެ ސަބަބުން އެ ސަރަޙައްދުގެ ސިއްޙީ ނިޒާމު މުޅިން ސުންނާފަތިވެފައިވާ ދަނޑިވަޅެއްގައި، ޣައްޒާގެ އުތުރުގައި ދިރިއުޅޭ ބައި މިލިއަނެއްހާ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް)އިން ވަގުތީ ހަސްފަތާލެއް ހުޅުވައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުންނަ އެ ސޮސައިޓީގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާ ވިދާޅުވީ، މި ހަސްފަތާލަކީ ޣައްޒާގެ ސިއްޙީ ފަރުވާގެ ވަޞީލަތްތައް ސުންނާފަތިކޮށްލާފައި އޮތް ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރާއި ސާބިތުކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށެވެ.

ބޮޑުވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ އިތުރުވަމުންދާ ސިއްޙީ ބޭނުންތަކަށް ޤައުމީ ފެންވަރުގައި ދެވުނު ވަރުގަދަ ރައްދެކެވެ.

"މި މުނާސަބަތަކީ ވޭނާއި އުންމީދު އެކުލެވިފައިވާ ވަގުތެއް. ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭނާއި ކެކުޅުމުގެ ތެރޭގައި ވެސް، މި ހިތްދަތި ޙާލަތުން އަރައިގަނެ، ޤަދަރުވެރި ދިރިއުޅުމަކަށް ކުރާ ދަތުރު ހުއްޓާނުލައި ކުރިއަށްދާނެ ކަމުގެ ޔަގީންކަމުގެ އުއްމީދު،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު މުސްޠަފާގެ މި ޒިޔާރަތުގައި ވަނީ ޕީއާރުސީއެސްގެ ގުދަންތަކާއި މަރުކަޒީ ކޯލް ސެންޓަރު ބައްލަވާލައްވައި، ޣައްޒާއަށް ބޭހާއި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. ޕީއާރުސީއެސުން ހާމަކުރި ގޮތުގައި، ޔަހޫދީ ދައުލަތުން ކުރިމަތިކުރުވާ ހުރަސްތައް ނައްތާލިހާ އަވަހަކަށް ޣައްޒާއަށް ވަނުމަށްޓަކައި 57 އެމްބިއުލަންސް މިހާރުވެސް އޮތީ ތައްޔާރީ ޙާލަތުގައެވެ.

ޕީއާރުސީއެސްގެ ރައީސް ޔޫނުސް އަލް ޚަތީބު ވިދާޅުވީ، މިއީ އެ ޖަމްޢިއްޔާއިން ޣައްޒާގައި ޤާއިމުކުރި 6 ވަނަ ވަގުތީ ހަސްފަތާލު ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކަކާއެކުވެސް މި ހަސްފަތާލު ހުޅުވުމުގެ ބޭނުމަކީ، ސިއްޙީ ވަޞީލަތްތައް ނެތިގޮސްފައިވާ އުތުރު ޣައްޒާގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް، ރައްޔިތުންނަށް ބޭނުންވާ އަވަސް ފަރުވާ ކަށަވަރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2023 އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 174,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ޢުދުވާނުގައި ޣައްޒާގެ ހަސްފަތާލުތަކާއި ސިއްޙީ މަރުކަޒުތައް ހިމެނޭހެން އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ.