ޚަބަރު

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ގަން އެއާޕޯޓުން


  • 4000އަށްވުރެ ގިނަ ފަތުރުވެރިން އެތެރެވެފައިވޭ

  • ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ މާފާރު އެއާޕޯޓުން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ ގަން އިންޓަރނޭޝަން އެއާޕޯޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިންކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން
ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 1.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %97 އައީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފަހު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް 4,689 ފަތުރުވެރިން އައިސްފައިވެއެވެ.

އެއާޕޯޓުތަކުގެ ތަފާސްހިސާބު:

ވީއައިއޭ: 1.2 މިލިޔަން ފަތުރުވެރިން
ގަން އިންޓަރނޭޝަނަލް: 4,689 ފަތުރުވެރިން
މާފަރު އިންޓަރނޭޝަނަލް: 4,282 ފަތުރުވެރިން
ހަނިމާދޫ އިންޓަރނޭޝަނަލް: 2,779 ފަތުރުވެރިން
ވިލާ އިންޓަރނޭޝަނަލް: 2,405 ފަތުރުވެރިން
ދާލު އެއާޕޯޓު: 1,063 ފަތުރުވެރިން

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވި އެއާޕޯޓަކަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓުވެފައިވާއިރު، ސްރީލަންކަން އެއާލައިންސްއިން ދަނީ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި މި އެއާޕޯޓަކީ ޕްރައިވެޓް ޖެޓުތައްވެސް ދަތުރުކުރާ އެއާޕޯޓެކެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކުގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައިވަނީ ކުރިއަށްގެންގޮސްފައެވެ. މިއެއަރޕޯޓަކީ 3000 މީޓަރުގެ ދިގު ރަންވޭއަކާއެކު ރާއްޖޭގައި ކޯޑް އީ ކެޓަގަރީގެ އެއަރކްރާފްޓް، ބޮއިން 777ގެ ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.