ކުޅިވަރު

އިންފަންޓީނޯ ދަމަހައްޓަމުންދަނީ ދެކުނު އެމެރިކާގެ ތާއީދު


ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ގިނަ ގައުމުތަކެއް ތާއީދު ގެއްލުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކުނު އެމެރިކާގެ ތާއީދު ދަމަހައްޓަން ފަށައިފި އެވެ.

މި ގޮތުން އޭނާ ވަނީ މިހާރު އެ ބައްރުގެ ގައުމުތަކަށް ދަތުރު ކުރަން ފަށްޓަވައިފަ އެވެ. މިގޮތުން އިއްޔެ އޭނާ ހުންނެވީ ކޮލޮމްބިއާގަ އެވެ. މިދަތުރުގެ ބޭނުނަމީ ދެކުނު އެމެރިކާގެ ތާއީދު އޭނާ އަށް އޮތްކަން ދެއްކުމާއި ގައުމުތައް ލައްވައި ރަސްމީކޮށް މީޑިއާ އަށް އެކަން އެންގުމެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އިންފަންޓީނޯ އަށް ތާއީދު އޮތްކަން އެންމެ ފުރަތަމަ އެންގީ ސަރަހައްދީ ޗެމްޕިއަން އާޖެންޓީނާ އެވެ. އަދި އޭނާގެ ދަތުރާ ދިމާކޮށް ކޮލޮމްބިއާއި ވަނީ ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި ތާއީދު ކުރާނީ އޭނާ އަށް ކަމަށް މީޑިއާގައި ބުނެފަ އެވެ.

އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އޭނާ އަށް ވަނީ އިތުބާރުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެއީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އޭގެ 20 ޕަސެންޓް ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮތް ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރުމުންނެވެ. މިއާއެކު ޔޫރަޕުން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. އަދި އޭނާ އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ބަދަލުގައި ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ބޭފުޅަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.