އެސްޓަން ވިލާ އަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނޭ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.
އޭނާ އަކީ 2013 އިން 2015 އަށް ވެސް ޕީއެސްޖީ އަށް ކުޅުނު ކުޅުންތެރިއެކެވެ. ފާއިތުވެދިޔަ ދެ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން ކުލަބަށް އަލުން ދެވުމުން އޭނާ ވުނީ މިއީ ވަރަށް ޝަރަފުވެރި ކަމެއް ކަމަށެވެ.
"އަހަރެން މި ހުރީ ވަރަށް ވަރަށް ޝަރަފުވެރިކަން މަތީގައި އަލުން ޕީއެސްޖީ އަށް ދެވުމުން. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި މި ކުލަބުގެ ކުރިއަރާފައިވާ ގޮތް އަހަރެންނަށް ވަރަށް ކަމުދޭ. އަހަރެން މި ހުރީ ކެތްމަދުވެފައި މި ކުލަބާއެކު އާ ސޮފުހާއެއް ފަށައި އަހަރެންގެ ތަޖުރިބާ ހިއްސާ ކުރަން ފަށަން" ޑީނޭ ބުންޏެވެ.
ޕީއެސްޖީން އޭނާ ގަތީ ހަތް މިލިއަން ޕައުންޑް ދީފަ އެވެ. އަދި އޭނާ ސޮއި ކުރީ 2029ގެ ނިޔަލަށެވެ.
ފްރާންސްގެ ގައުމީ ޓީމަށް ބަރާބަރަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ ސޮއި ޕީއެސްޖީން ހޯދި މައިގަނޑު ސަބަބެއް ކަމަށް ބުނަނީ އެ ޓީމުގެ ވާތު ބެކް ނޫނޭ މެންޑޭޒްގެ އެކަނި އެ މަގާމަށް ކުޅެން ހުރުމުން ވާތްފަޅި ވަރުގަދަ ކުރުމަށެވެ. ޑީނޭ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 64 މެޗު ކުޅެދީފަ އެވެ. އެންމެ ފަހުން މި އަހަރު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ފްރާންސްގެ ގައުމީ ޓީމުގެ ފުރަތަމަ 11ގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
ޕީއެސްޖީން ތައްޔާރުވަމުން ދަނީ ފާއިތުވެދިޔަ ދެ އަހަރު އެ ޓީމުން ހޯދި ޔޫރަޕުގެ ތައްޓާއެކު ފްރާންސްގެ ލީގާއި ފްރެންޗް ކަޕް ދިފާއު ކުރުމަށެވެ. މި ގޮތުން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ބާސެލޯނާގެ ސްޕޭން ފޯވަޑް ފެރަން ޓޮރޭޒް ގަތުމަށެވެ.