އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއާއި އިޓާލިއަން ސެރީއާގެ އޭސީ މިލާންގެ ދެމެދުގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ޗެލްސީން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާއަށް ޕްރީ ސީޒަން ޓުއަރ ކުރަމުންދާ މި ދެ ޓީމުގެ މިމެޗު ކުޅެފައިވަނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގެލޯރާ ބުންގ ކާނޯ ސްޓޭޑިއަމްގައެވެ.
ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ޗެލްސީން ކާމިޔާބުކުރީ 0-3 އިންނެވެ. މެޗުގެ ބޯލް ޕޮޒެޝަން ދާދި ހަމަހަމަކޮށް ފެނުނު ނަމަވެސް އުފެއްދި ހަމަލާއަށް ބަލާއިރު ޗެލްސީ އުޅެނީ މާބޮޑަށްވެސް ކުރީގައެވެ. މިގޮތުން 18 ހަމަލާ ޗެލްސީން އުފެއްދިއިރު 8 ހަމަލާ ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައިވެއެވެ. މިލާނަށް ބަލާއިރު 5 ހަމަލާ އެޓީމުން އުފެއްދިއިރު ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިއާއެކުވެސް ޗެލްސީއަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވިފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޮ ޕެޑްރޯއެވެ. މި މެޗުގައި ޗެލްސީގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ޕެޑްރޯއެވެ. މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ މޮއިސެސް ކައިސޭޑޯއެވެ.
އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓޮޓްނަމް ހޮޓްސްޕަރ އާއި ޔުވެސްޓަސް އާ މީގެކުރިން ކުޅުނު ދެމެޗުން ބަލިވެފައިވުމުގެ ސަބަބުން އާކޯޗު ޒާބީ އަލޮންސޯގެ ބެލުމުގެ ދަށުން ޗެލްސީ ދަތުރުކުރަމުންދާ މިސްރާބާމެދު ކޮންމެވެސް ވަރަކަށް ސުވާލުއުފެދިގެންދިޔަ ނަމަވެސް މިލާންގެ މައްޗަށް ހޯދި މިކާމިޔާބީގެ ސަބަބުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށްވަނީ ބެލެވިފައެވެ.
ޗެލްސީއިން އޭޝިއާއަށް ކުރަމުންދާ ޓުއަރ ނިންމާލުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޗެމްޕިއަން ޖޮހޯ ދާރުލް ތާޒިމް އާ ދެކޮޅަށް ކުޅޭ މެޗާއެކުއެވެ.
ޗެލްސީއިން ޕްރިމިއަރ ލީގުގެ އައު ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ފުލަމް އާއި ބައްދަލުކުރާ މެޗުންނެވެ.