އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސްލްއަށް ކުޅެމުންދާ ބްރެޒިލްގެ ބްރޫނޯ ގިމާރޭސް ލީގު ޗެމްޕިއަން އާސެނަލްއަށް ސޮއިކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އާސެނަލްއިން އެޓީމަށް ގިމާރޭސް ގެންގޮސްފައިވަނީ 75 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއްގެ ދަށުންނެވެ.
އުމުރުން 28 އަހަރުގެ ގިމާރޭސް ވަނީ އާސެނަލްއިން އޭނާ ބޭނުންކަން އެނގުމާއެކު އެ ކުލަބަށް ބަދަލުވާން ބޭނުންކަން ހާމަކޮށްފައެވެ. އާސެނަލާއެކު 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުން ގިމާރޭސް ބުނީ މިއީ އޭނާއަށް ނިންމަން އެންމެ އުނދަގޫވި ނިންމުން ކަމަށެވެ. އޭނާ ބުނިގޮތުގައި ނިއުކާސްލްއާ އޭނާއާއިދެމެދު ވާގުޅުން ވަރަށް ގާތް ކަމަށާއި އެހެންކަމުން ނިއުކާސްލްއާ ވަކިވާން ނިންމި ނިންމުން ވަރަށް އުނދަގޫ ކަމަށެވެ.
ނަމަވެސް ކެރިއަރުގެ މިހާހިސާބުން އާކަމެއް ތަޖުރިބާކޮށްލަން ބޭނުންވީ ކަމަށާއި އަދި މި އައު ގޮންޖެހުމަށް އޭނާއާއި އޭނާގެ އާއިލާވެސް ތައްޔާރު ކަމަށް ގިމާރޭސް ބުންޏެވެ. އަދި މިހާރު ބޭނުންވަނީ ގިނަ މުބާރާތް ކާމިޔާބުކޮށް ތާރީހްގެ ތެރެއިން ޖާގަހޯދަން ކަމަށްވެސް އޭނާ ބުންޏެވެ.
އާސެނަލްއަށް ގިމާރޭސް ދިއުމުގެ ކަންތައްތައް ހަމަޖެހުމާއެކު އޭނާވަނީ ސްޕެއިންގައި ޕްރީ ސީޒަން ހަދަމުންދިޔަ ނިއުކާސްލްގެ ކޭމްޕް އިން މިހަފްތާގެ ކުރީކޮޅު ގޮސްފައެވެ. ގިމާރޭސް ބުނީ އޭނާއަށް އާސެނަލްގެ ގިނަ ކުޅުންތެރިންގެ ފަރާތުން މެސެޖު ލިބިގެންދިޔަ ކަމަށެވެ. މީގެތެރޭގައި އޭނާ އާއި އެކުގައި ބްރެޒިލް ޤައުމީ ޓީމަށް ކުޅެމުންދާ ގެބްރިއަލް އަދި އާސެނަލްގެ މެދުތެރެއަށް ކުޅޭ ޑެކްލަން ރައިސް ހިމެނެއެވެ. މިގޮތުން ރައިސް ކުރި މެސެޖުގައި އޭނާވަނީ އާސެނަލްއަށް އައުމަށާއި އަދި އިތުރަށް ތަޅާނުފޮޅުމަށާއި މިހާރު މިއީ ރަށްޓެހިން ކަމުގައި ބުނެފައެވެ.
ގިމާރޭސް ނިއުކާސްލްއާ ގުޅިފައިވަނީ 2022 ވަނަ އަހަރު އެޓީމު ރެލިގޭޝަނާއި ހަނގުރާމަކުރަމުންދިޔަ ދަޑިވަޅެއްގައެވެ. އޭނާގެ އެހީތެރިކަމާއެކު ނިއުކާސްލްގެ ކުޅުން ރަނގަޅުވެ މިހާރު މިވަނީ ވަރަށް ރަނގަޅު ހިސާބަކަށް އެޓީމު ގެންގޮސްދިނުމުގައި އެހީތެރިވެދީފައެވެ.
އަދި 2025 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް ނިއުކާސްލް އިން ކަރަބާއޮ ކަޕް ކާމިޔާބު ކުރުމާއެކު އޭނާ ވެގެން ގޮސްފައިވަނީ 70 އަހަރުގެ ތެރޭގައި ބޮޑު ޑޮމެސްޓިކް މުބާރާތެއްގެ ތަށި އުފުލާލި ނިއުކާސްލްގެ ފުރަތަމަ ކެޕްޓަނަށެވެ. މީގެއިތުރުން 2023 ވަނަ އަހަރާއި 2025 ވަނަ އަހަރު ނިއުކާސްލް އިން ޔުއޭފާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައިވެސް ގިމާރޭސްގެ ދައުރު ބޮޑެވެ. ނަމަވެސް ނިމިގެންދިޔަ ސީޒަންގައި ލީގުގައި މާރަނގަޅު ކުޅުމެއް ނިއުކާސްލްއަށް ދެއްކޭގޮތ ނުވުމުން އެޓީމުން ސީޒަން ނިންމާލީ 12 ވަނައިގާ އޮވެގެންނެވެ.