ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަލަސްޠީނުގެ ޣައްޒާގައި "ޤަތުލުޢާންމު ހުއްޓައިލުމަށް" ޔަހޫދީން އެއްބަސްވި ފަހުން، ޙިޞާރުކޮށްފައިވާ އެ ސަރަޙައްދުން 300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަން އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ، މިއީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޝަހީދުކޮށްލުމާ އެއްވަރުގެ ޢަދަދެއް ކަމުގައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނީ އެއް ފަރާތުން ކަން ފާހަގަކޮށް ޔުނިސެފުން ބުނީ ކުޑަކުދިން ޝަހީދުކޮށްލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމުގައެވެ. ނަމަވެސް، އެ ކުދިން ޝަހީދުކޮށްލުމުގެ ފަހަތުގައި ވަނީ ޔަހޫދީން ކަން ޔުނިސެފްގެ ބަޔާނުގައި ސީދާ ނަންގަނެފައެއް ނުވެއެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ޔުނިސެފުން ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ އިދުއާ ބީގްބިދީ ވިދާޅުވީ، ހަމަލާތައް ހުއްޓައިލުމުގެ ވަޢުދާ އެއްގޮތަށް އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ދުވަހަކަށް ޣައްޒާގެ ކުޑަކުދިން އިންތިޒާރުކުރަމުންދާ ކަމުގައެވެ. އަދި، ޣައްޒާގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި "ޞުލްޙައިގެ އެއްބަސްވުން" ފޭލުވެފައިވާ ކަމަށާއި، އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާއެކު ޢަމަލީ ފިޔަވަޅުތަކެއް ފެންނަން ޖެހޭނެ ކަމުގައެވެ. މީގެ އިތުރުން، ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓުވޭނެތޯއާއި، ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެތޯއާއި، ހަސްފަތާލުތައް އަޅުން ހުޅުވޭނެތޯއާއި، ފެނުގެ ޚިދުމަތް ދެވޭނެތޯ، އަދި ސެޕްޓެންބަރު މަހު ކުޑަކުދިންނަށް އަނބުރާ މަދަރުސާތަކަށް ދެވޭނެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޮކްޓޫބަރު 10 އިން ފެށިގެން ޔަހޫދީން ވަނީ އެއްބަސްވުމާ 3,795 އަށްވުރެ ގިނަ ފަހަރު ޚިލާފުވެ، ފަލަސްޠީނުގެ 1,254 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ. ޔުނިސެފުން ބުނީ، އެ ސަހަރުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ދެ މިލިޔަނެއްހާ މީހުން ތޮއްޖައްސުވާފައިވާއިރު، އެ މީހުން ދިރިއުޅެމުން ދަނީ ރައްކާތެރިކަމެއް ނެތް ޙާލަތުގައި ކަމުގައެވެ. އަދި، ކުޑަކުދިންނަށް ރައްކާތެރި ކާނާ ލިބޭނެ މަގެއް ނެތް ކަމަށާއި، ނަރުދަމާ ނިޒާމު ހަލާކުކޮށްލުމުގެ ސަބަބުން ބަލިމަޑުކަން ޢާންމުވެފައިވާ ކަމުގައެވެ. މި ކަންކަން ފާހަގަކޮށް، އެ ޖަމުޢިއްޔާއިން ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ބޯލެނބުމަށާއި، ޣައްޒާގެ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީގެ އެހީގެ ސާމާނު އެތެރެކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ގޮވައިލާފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރުގައި ޔަހޫދީން ފެށި ޤަތުލުޢާންމުގައި 73,000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 20,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މަސްރަޙުގެ ދާރިސުން ބުނީ، މިއީ ހަޤީޤީ ޢަދަދަށްވުރެ ދަށް ޢަދަދުތަކެއް ކަމުގައެވެ. އަދި، ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިއަށްވުރެ ތިންގުނަ އިތުރުވުން އެކަށީގެންވާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.