ޚަބަރު

"ޝަރުޢީ ނިންމުން ރައީސް މައުމޫނު ޤަބޫލުފުޅުކުރައްވަން ޖެހޭ"


މިއަދު ޤައުމުގެ ހަމަޖެހުމާއި ތަރައްޤީވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމްއާ ގުޅިފައިކަމަށާ، އެޕާޓީއަށް މިހާރު ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް، ޝަރުޢީ މަރުޙަލާއިން ނިންމާ ނިންމުންތައް ޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ޤަބޫލުފުޅުކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ. 

ޓީވީއެމްގެ  ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިލްހާމް ވިދާޅުވީ ޕީޕީއެމް "ޕެރަލައިޒްކޮށް" އަބަދު މަގުމަތީ ނުބޭއްވޭނެ ކަމަށާއި ޕާޓީގެ ރައީސްވެސް އެކަން ޤަބޫލުފުޅުކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ. 

ޕީޕީއެމްގެ އާންމު މެންބަރުން އަދިވެސް ތިބީ އެޕާޓީއާއެކުކަމަށާ، ރައީސް މައުމޫނަކީ ރާއްޖޭގެ އެތައްހާސްބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވީ އެމަނިކުފާނުގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ ޕާޓީގެ ވިސްނުން، އިދިކޮޅު އެމްޑީޕީން ގެންގުޅޭ ވިސްނުމާ ތަފާތުވުމުންކަމަށް އިލްހާމް ވިދާޅުވިއެވެ. އެމްޑީޕީގެ ފިކުރަކީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއާ ދެކޮޅު ވިސްނުމެއްކަމަށް ތުހުމަތުކުރައްވައި އިލްހާމް ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުންނަކީ އެފިކުރާ ދެކޮޅު މީހުންކަމަށެވެ. އެހެންކަމުން ރައީސް މައުމޫނުވިޔަސް އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނަމަ، ޕީޕީއެމްގެ ޢާއްމު މެމްބަރުން އެކަން ޤަބޫލުނުކުރާނެކަމަށާ، މިއީ ރައީސް މައުމޫނަށް އެތައްބަޔަކު ކުރަމުންދާ އިޙްތިރާމް ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށް އިލްޙާމް ވިދާޅުވިއެވެ. 

ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު، ޕީޕީއެމްގެ ހިންގުން މިހާރު އޮތީ އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަން ފާހަގަކުރައްވައި އިލްހާމް ރޭ ވިދާޅުވީ، އެއްވެސް އިންތިޚާބެއްގައި ޕީޕީއެމަށް އެންމެ ވޯޓެއްވެސް ގެއްލިގެންދިއުމަކީ އެޕާޓީގެ އެއްވެސް މެމްބަރަކު ޤަބޫލުކުރާނެކަމެއްނޫންކަމަށެވެ. އަދި ރައީސް ޔާމީނަކީ ޕީޕީއެމް އުފެއްދެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ފަރާތް ކަމަށާއި އެންމެފުރަތަމަ ޕީޕީއެމްއަށް ސޮއިކުރެއްވީވެސް އެމަނިކުފާނުކަން އިލްހާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕީޕީއެމްގެ ވިސްނުމާއި ފިކުރު، އަދި އެޕާޓީގެ ކުރިއެރުމާއި ކާމިޔާބު ވަނީ ރައީސް ޔާމީންގެ މަސައްކަތްޕުޅާ ގުޅިފައިކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. 

އިލްހާމް ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ނާޒުކު ދަނޑިވަޅުގައި އުދަނގޫ ނިންމެވުންތައް ނިންމަވަން ކެރިވަޑައިގަންނަވާ ޤާބިލު ލީޑަރެއްކަން އެމަނިކުފާނުގެ ވެރިކަމުގައި ވޭތުވެދިޔަ ދުވަސްތަކުގައި ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އެހެންކަމުން ޕީޕީއެމްއަށް މިއަދު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ފުރިހަމަ ޤާބިލުކަން ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިލްޙާމް އަޙުމަދަކީ ޕީޕީއެމް އުފެއްދެވުމަށް އެޕާޓީގެ ރައީސް އުފެއްދެވި ފަސްމެމްބަރުންގެ ކޮމިޓީގެވެސް މެމްބަރެކެވެ.