ތިމާވެށި

ކަސްޓަމްސްގެ މުވައްޒަފުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިމިއްޖެ


މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސިލްސިލާ ތަމްރީން ޕްރޮގްރާމްތަކަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެކެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި ގޮތްތަކެއްގެ މަތިން ކަސްޓަމްސްގެ މުވަޒަފުންނަށް ކަމާގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގަންޖެހެއެވެ.

މި ޕްރޮގްރާމްތައް އަމާޒްކުރެވިފައި ވަނީ ކަސްޓަމްސް އަށް އަލަށް ވަންނަ މުވައްޒަފުންނަށާއި ކުރިން މި ޕްރޮގުރާމުގައި ބައިވެރިވެފައި ނުވާ މުވައްޒަފުންނަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. ޢަބްދުﷲ ނަޞީރު ވިދާޅުވީ މިފަހަރުގެ ޕްރޮގްރާމް ބޮޑަށް އަމާޒުކުރެވިފައި ވަނީ އެޗްސީއެފްސީން ލިބޭ ގެއްލުންތަކާއި 2020އަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްކުރުމާ ގުޅޭގޮތުން ކަމަށެވެ. img:http://s1.psmnews.mv/images/660x400/14774078492666.jpg|އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. ޢަބްދުﷲ ނަޞީރު - ފޮޓޯ: ޕީއެސްއެމް

އެންވަޔަރަމަންޓް މިނިސްޓްރީން މަޢްލޫމާތު ދެއްވާ ގޮތުގައި މިފަދަ ސިލްސިލާ ތަމްރީން ޕްރޮގުރާމެއްގެ މަޤުޞަދަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެޑް އެނާޖީއާއި މޮންޓްރިއޯލް ޕްރޮޓޮކޯލް އާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކަށް ކަސްޓަމްސް ސާރވިސްގެ އޮފިސަރުން އަހުލުވެރި ކުރުވާ، ހޭލުންތެރިކަން އިތުރުކުރުވުމެވެ. މި ގޮތުން ކުރިއަށްގެންދާ ކޮންމެ ޕްރޮގުރާމެއްވެސް އަމާޒުކުރައްވާފައިވަނީ އެއިރެއްގައި އެންމެ ބޮޑަށް އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްގެ މައްޗަށް ކަމަށް އެ މިނިސްޓްރީގެ ޑިރެކްޓަރ މިރުޒާ މުޙައްމަދު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14774079265149.jpg|އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ މިރުޒާ މުޙައްމަދު - ފޮޓޯ: ޕީއެސްއެމް

ކަސްޓަމްސް ސަރވިސްއަކީ މިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށާއި ކަސްޓަމްސްގެ މުވައްޒަފުންގެ އެއްބާރުލުމާއެކުގައި ނޫނީ މިފަދަ ލަނޑުދަނޑިއެއް ޙާސިލް ނުކުރެވޭނެ ކަންވެސް މިރުޒާ ފާހަގަކުރެއްވިއެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި ވިހި ވިހީގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރަމުން ގެންދަވާ މަސައްކަތުގައި، ކަސްޓަމްސް އިން އެއްބާރުލުން ދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. img:http://s2.psmnews.mv/images/660x400/14774079876187.jpg|ކަސްޓަމްސްގެ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލުން - ފޮޓޯ: ޕީއެސްްއެމް

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ މުޢާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯންލޭއާރ" 1987 ވަނަ އަހަރު އެކުލަވާލައިފައިވާއިރު، ދިވެހި ރާއްޖެއިން މި މުއާހަދާގައި ސޮއި ކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. ދުނިޔޭގެ ޖުމްލަ 197 ޤައުމުން މި މުޢާހަދާގައި ބައިވެރިވެފައި ވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްގެ 29 މުވައްޒަފަކު ބައިވެރިވިއެވެ.