ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް މިހާރު އިތުބާރު ނެތް ކަމަށާއި އެންމެ ރަނގަޅު ހައްލަނީ އޭނާ މަގާމުން އިސްތިއުފާ ދިނުން ކަމަށް ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ ބުނެފި އެވެ.
ސްޕޭނުގެ ބާސެލޯނާއިން ދުނިޔެގެ ރެކޯޑް ފީއަކަށް އެ ގައުމުގެ ރެއާލް މެޑްރިޑަށް ބަދަލުވި 2000 ވަނަ އަހަރުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ބުނީ އިންފަންޓީނޯގެ ޒައާމަތުގައި ހުރި މައްސަލަތައް އަދަދުކޮށްފައި 1000ވުރެ ގިނައިން ދެއްކިދާނެ ކަމަށެވެ.
"މިހުރިހާ ކަމެއްގެ ހައްލަކީ އެންމެ ތިން ޖުމުލަ. އެއީ އޭނާ އިސްތިއުފާ ދިނުން. އަހަރެންނަށް ފެނުނުތަނުގައި އޭނާ އަކީ އަމިއްލަ މަސްހަލަތާއި އަމިއްލަ އެދުމުގެ ލާމަސީލު ނަމޫނާއެއް. ކޮންމެ ކަމެއް ވެސް ކުރަނީ އެފަދައިން،" ފީގޯ ބުންޏެވެ.
2015 ވަނަ އަހަރު ފީފާގެ އޭރުގެ ރައީސް ސްޕެ ބްލެޓާ އިސްތިއުފާ ދެއްވުމުން ފީގާފެ ރައީސް ކަމަށް އިންފަންޓީނޯއާ ވާދަކުރުމަށް ފީގޯ ގަސްތުކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. މިހެންވެ ކުރިއަށް އޮތް މާޗު މަހު ބާއްވާ ފީފާގެ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރަން ޔޫރަޕުން މީހަކު ހޯދާއިރު ފީގޯގެ ފާޑުކިއުން މިއައީ މިފަދަ ފުރުސަތަކަށް ފިކުރު ކުރާތީ ކަމަށް ބެލެވެ އެވެ.
އިންފަންޓީނޯ އަށް ފީފާގެ މެމްބަރު ގައުމުތަކުގެ ނުރުހުން އަމާޒުވީ ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތައް ހިންގަން ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް 20 ޕަސެންޓް ހިއްސާދޭން ހުށަހެޅި މައްސަލާގައި ޔޫރަޕުން މިހާރު ބޭނުންވަނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށެވެ. އަދި ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުން ތިބީ އަންނަ މާޗު މަހު ބާއްވާ ފީފާގެ އިންތިހާބުގައި އޭނާ އަށް ތާއިދު ކުރާ ގޮތަކަށް ވެސް ނޫނެވެ.