ކުޅިވަރު

ފީފާގެ ކުއްލި ބައްދަލުވުމުން ދިނީ އިންފަންޓީނޯ އަށް އިތުބާރު؟


މޮރޮކޯގެ ރަބާތުގައި އިއްޔެ ބޭއްވި ފީފާގެ ކުއްލި ބއްދަލުވުމުގައި ރައީސް ޖިއާނީ އިންފަންޓީނޯ އަށް އިތުބާރު އޮތްކަން ކަމަށް އިދާރީ އިސްވެރިން ބުނެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އިންފަންޓީނޯ އަށް އިތުބާރު އޮތް ކަމުގެ މައްސަލަ ފެންމަތިވީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ އެމެރިކާގެ ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމުންނެވެ. އަދި މިޕްލޭނަށް އެއްބަސްވާ ގައުމުތަކުން އެކަން ސެޕްޓެމްބަރު މަހުގެ 17ގެ ކުރިން އަންގައިފިނަމަ ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނުމުންނެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަނީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ އިދާރީ އިސްވެރިންނާއެކު އިންފަންޓީނޯ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހުނީ މި މައްސަލާގައި ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތަކާއި ކޮންކާކަފުން އޭނާ އަށް އިސްތިއުފާ ދެއްވުމަށް ގޮވާލަން ފަށައި އެތެރޭގެ ފާޑުކިއުންތައް ވެސް އިތުރުވާން ފެށުމުންނެވެ.

ނަމަވެސް ބައްދަލުވުމަށްފަހު ފީފާއިން ބުނީ ގޯސް ހެދިއްޖެ ކަމަށާއި ނަމަވެސް ދެން އެފަދަ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ފީފާފެ އިދާރީ އިސްވެރިން ވަނީ ރައީސަށް އިތުބާރު އޮތްކަން ދައްކުވައިދީފައި ކަމަށާއި މިހެންވެ މީގެ ފަހުން އެ ޖަމާއަތަށް އަމާޒުވާ ފާޑުކިއުންތަކުން ސަލާމަތް، ފީފާގެ ނަން ހަބާރު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނެ ކަމަށެވެ.

މީޑިޔާތަކުން ބުނާ ގޮތުގައި އިންފަންޓީނޯ ކުރެއްވި އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އެ ޖަމާއަތުގެ މުވައްޒަފުންނަށް އީމެއިލް ކުރި ޖެނެރަލް ސެކްރެޓަރީ މަތިއަސް ގްރާފްސްޓްރޯމް ވެސް ބައްދަލުވުމަށްފަހު އިންފަންޓީނޯއާ ސަމާސާކޮށް ހިނިތުންވެހުރި މަންޒަރު ފެނުނު ކަމަށެވެ.

ދުނިޔޭގެ ބައެއް މީޑިޔާތަކުން ކުރިން ލަފާކުރީ ފީފާގެ އިދާރީ އިސްވެރިންގެ އިތުބާރު ނެތްކަމަށް ފެނިއްޖެ ހިނދެއްގައި އިންފަންޓީނޯ އިސްތިއުފާ ދެއްވުން ގާތް ކަމަށެވެ. އަދި އޭނާ އަށް ދުނިޔޭގެ ތާއީދު އޮތްކަމަށް ވިދާޅުވެ މިހާރު ކުރިމަތިވެފައިވާ ފާޑުކިއުންތަކާހެދި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރައްވަން އިންފަންޓީނޯ މަސައްކަތް ކުރެއްވާނެ ކަމަށް ވެސް ކުރިން އޮތީ ލަފާކޮށްފަ އެވެ. މި ގޮތުން ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންގެ ލަފާ ކުރީ ވެސް މި ބައްދަލުވުމުގައި އިންފަންޓީނޯ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ގެއްލިފައިވާ އޭނާގެ އިތުބާރު އަލުން ފީފާގެ އިސްވެރިންގެ ތެރޭގައި އޮންނާނެ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވުމަށެވެ. މި ގޮތުން ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ބޭނުންވި ނަމަވެސް އޭނާގެ އިތުބާރު ނެތްކަމަށް ފާސް ނުކުރެވޭނެކަމުގެ ޔަގީންކަން އިދާރީ އިސްވެރިންނަށް ދެއްވުމަށެވެ.

އިންފަންޓީނޯ މި ބައްދަލުވުމަށް ގޮވާލެއްވީ ވެސް ފީފާގެ އެތެރެއިން އޭނާގެ އަމަލުތައް ކުށްވެރި ކުރަން ފެށުމުންނެވެ. މި ގޮތުން ފީފާގެ ޗީފް ގްލޯބަލް ފުޓްބޯޅަ ޑިވެލޮޕްމަންޓް އާސެން ވެންގާ ވަނީ އިންފަންޓީނޯ ފީފާގެ ތެރެއިން އުފައްދަން މަސައްކަތް ކުރެއްވި ވިޔަފާރި ކުންފުނީގެ މައުލޫމާތު އެނގިވަޑައިގަތީ މީޑިއާއިން ކަމަށް ވިދާޅުވެ އެ ޕްލޭނާ ދެކޮޅު ހައްދަވާފަ އެވެ. މައްސަލަ ގޯހުން ގޯހަށް ދިޔައީ ގްރާފްސްޓްރޯމް މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި އޭނާ އަށް ވެސް މި ޕްލޭން އެނގިވަޑައި ނުގަންނަވާ ކަމަށާއި މިއީ އެންމެ މީހެއްގެ ޕްލޭނެއް ކަމަށެވެ.