ޚަބަރު

ކަނޑިތީމު ނަރުދަމާ ނިޒާމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ށ. ކަނޑިތީމުގެ ނަރުދަމާގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު ކަނޑިތީމު ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިއަދު އެރަށުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ށ. ކަނޑިތީމުގެ ނަރުދަމާގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ވަސީލަތްތައް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯއްދައިވެވުމަށް ސަރުކާރުން އަބަދުވެސް އޮންނާނީ އަތުކުރި އޮޅާލައިގެންކަމަށެވެ. ޙާއްސަގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ށ. ކަނޑިތީމުގެ ނަރުދަމާގެ ޚިދުމަތް ރަސްމީގޮތުން ފެށިގެންދާއިރު ރައްޔިތުންގެ އުއްމީދުތަކާއި ގުޅުންހުރި ވަރަށް މުހިއްމު މަޝްރޫޢެއް މިވަގުތުވެސް އެރަށުގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢަށް އިޝާރަތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. އަދި އެރަށުގެ ބޭރުތޮށި ހިމާޔަތްކުރުމާއި، ބޮޑުހިލަޖެމުގެ މަސައްކަތް ފެއްޓެވުމަށް އެމް.ޓީ.ސީ.ސީން މިހާރު ތައްޔާރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް ބަލާލިކަމުގައިވިޔަސް ފެންނަމުންދަނީ ސަރުކާރު ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައްކަމަށެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ، 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ސާފުބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މި އަމާޒު ޙާސިލުކުރެއްވުމުގައި ސަރުކާރުން މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ޙުސެއިން ދެއްކެވި ވާހަކަފުޅުގައި ށ. އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަންކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރައީސް ޔާމީނާއި ރައްޔިތުންނާއި ދެމެދު އޮންނަނީ ތަރައްޤީގެ ގުޅުންކަމަށާއި، އެކަން ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުންވެސް ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

ށ. ކަނޑިތީމު ނަރުދަމާ ނިޒާމް ޤާއިމުކުރެއްވުމުގެ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ޙަރަދުކުރައްވައިގެން، އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދެވި މަޝްރޫޢެކެވެ. އެކުންފުނިން މި މަސައްކަތް ނިންމަވާފައިވަނީ ގާތްގަނޑަކަށް 8 މަސްދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގައި 3 ޕަންޕް ސްޓޭޝަން ޤާއިމުކުރައްވާ، 8.84 ކިލޯ މީޓަރުގެ ނަރުދުމާ ވިއުގައެއް ވަނީ ޤާއިމުކުރައްވާފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ރަށުގެ އެއްގަމު ތޮށިން ފެށިގެން 248 މީޓަރަށް ސީ-އައުޓް ފޯލް ހޮޅި ވަނީ އަޅުއްވާފައެވެ. މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގެ 397 ގެއަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މި ނިޒާމް ބެލެހެއްޓުމުގެ ކަންކަން ސަރުކާރުން ހަވާލުކުރައްވާފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. ށ. ކަނޑިތީމަކީ އާބާދީގައި ގާތްގަނޑަކަށް އެއް ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.