ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުގެ ތާއީދު ނެތަސް އެފްރިކާއިން ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ކުރަން ނިންމައިފި އެވެ.
ޖުމުލަ 54 ގައުމު ހިމެނޭ އެފްރިކާގެ މައި ފުޓްބޯޅަ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު އެފްރިކާގެ ނުފޫޒުގަދަ ފަސް ފުޓްބޯޅަ ލީޑަރަކު ވަނީ ވަކިވަކިން އިންފަންޓީނޯ އަށް ތާއީދުކޮށް ބަޔާން ނެރެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މޮރޮކޯ އާއި މިސްރާއި ނިގާ އާއި މޮރިޓޭނިޔާ ކޮންގޯ އާއި ފަދަ ގައުމުތަކުގެ ލީޑަރުން ހިމެނެ އެވެ.
މިއީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތްގުޅުން އޮންނަ ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމުން އޭނާ މަގާމުން ދުރުކުރަން ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުން މަސައްކަތް ފެށުމުން އެފްރިކާގެ ގައުމުތަކުން އިއްވި އަޑެކެވެ. އިންފަންޓީނޯގެ މި އަމަލު ގިނަ ބަޔަކު ސިފަ ކުރަނީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
އެފްރިކާގެ ފުޓްބޯޅައިގެ ނުފޫޒުގަދަ ލީޑަރުންގެ ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ ވިޔަފާރި ކުންފުނީގެ ޕްލޭން ހުއްޓާލުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އެ ޖަމާއަތުން މި ޕްލޭން އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ.
2016 ވަނަ އަހަރު އިންފަންޓީނޯ ފީފާގެ ރައީސް ކަމަށް ގެނައުމަށް އެފްރިކާގެ ގައުމުތައް މުހިންމު ދައުރެއް އަދާކުރި އެވެ. އަދި އެ ޖަމާއަތުގެ ރައީސް ވަނީ ވޯލްޑް ކަޕް ފެށެން ގާތްވެފައިވަނިކޮށް އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި އެފްރިކާ ބައްރުން ތާއީދު ކުރާނީ ވެސް އިންފަންޓީނޯ އަށް ކަމަށް ބުނެފަ އެވެ.