ޚަބަރު

ތުރުކީޔޭގެ ރެފްރީންގެ ހެޑަކަށް ޓޭލަރ


  • ޓޭލަރ ރެފްރީކަމުން ރިޓަޔަރ ކޮށްފައިވަނީ މިދިޔަ މަހު ވޯލްދް ކަޕަށްފަހު

ތުރުކީޔޭ ފުޓްބޯލް ފެޑެރޭޝަންގެ ޑިރެކްޓަރ އޮފް އެލީޓު ރެފްރީގެ މަގާމަށް ދާދިފަހުން ރެފްރީކަން ކުރުމުން ރިޓަޔަރ ކުރި އެންތަނީ ޓޭލަރ ހަމަޖައްސައިފިއެވެ.

މަގާމާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން އުމުރުން 47 އަހަރުގެ ޓޭލަރ ބުނީ މިމަގާމާއި ހަވަލުވުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށެވެ. އޭނާ ބުނީ ތުރުކީޔޭ ފުޓްބޯލް ފެޑެރޭޝަނާއި ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމަށާއި އަދި އޭނާ އާއި ހަވާލުކުރި މަސައްކަތް ވީހާވެސް ރަނގަޅަކަށް ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގެ އިތުރުން ޔޫރަޕްގައި ރެފްރީއެއްގެގޮތުގައި ވަރަށް ފާހަގަ ކޮށްލެވޭ ކެރިއަރއެއް ހޭދަކޮށްފައިވާ ޓޭލަރ މިމަގާމަށް އައްޔަން ކޮށްފައިމިވަނީ ތުރުކީޔޭގެ ރެފްރީންނާމެދު އޮތް އިތުބާރު ވަރަށް ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ. ތުރުކީޔޭގައި ކުރިއަށް ގެންދިޔަ ދިގު ތަހްގީގަކަށްފަހު އެޤައުމުގެ މެޗު އޮފިޝަލުންގެ ގޮތުގައި ރަޖިސްޓަރ ކޮށްފައިވާ 571 އޮފިޝަލުންގެ ތެރެއިން 371 އޮފިޝަލުންގެ ބެޓިންގ އެކައުންޓް ހުންނަކަން ވަނީ ހާމަވެފައެވެ. މީގެ 10 މަސް ކުރިން މިކަން ހާމަވުމާއެކު ތުރުކީޔޭ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް އިބްރާހީމް ހަޗިއޮސްމަނަގްލޫވަނީ ތުރުކީޔޭގެ ފުޓްބޯޅަ އޭގެ ކުރީގެ މަގާމަށް އަލުން ގެންނަން ބޭނުންނަމަ ތުރުކީޔޭގެ ފުޓްބޯޅައިގެ ތެރޭގައި ހުރި ހުރިހާ ކުންޏެއް ސާފުކުރަން ޖެހޭކަމަށް ބުނެފައެވެ.

20 އަހަރުގެ ކެރިއަރަކަށްފަހު ޓެލަރ ރެފްރީކަމުން ރިޓަޔަރ ކުރިކަން ހާމަކޮށްފައިވަނީ މިދިޔަ މަހުއެވެ. އޭނާ އެންމެ ފަހުން ރެފްރީކަން ކޮށްފައިވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގައި ޖުލައި މަހުގެ 6 ވަނަ ދުވަހު ޕޯޗުގަލް އާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުން ސްޕެއިން މޮޅުވި މެޗުގައެވެ. އޭނާގެ ކެރިއަރުގައި ޓޭލަރވަނީ އިންގްލަންޑްގައި ޕްރޮފެޝަނަލް 668 މެޗުގައި ރެފްރީކަން ކޮށްފައެވެ. އަދި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ އިތުރުން 2022 އަދި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައިވެސް އޭނާވަނީ ރެފްރީކަން ކޮށްފައެވެ.