ޚަބަރު

ފްލެޓްތަކަށް ހޮވުނު ފަރާތްތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުން


ކުރީގެ ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް، ލިބޭނެ ފްލެޓްތައް ކަނޑައެޅުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުން މިއަދު ފަށައިފިއެވެ. ޓާޓާ ފްލެޓްތަކުގެ ގުރުއަތުލުން ފަށާފައިވަނީ އެމް.އެން.ޔޫ. އޮޑިޓޯރިއަމް ހޯލުގައި މެންދުރު 2 ޖެހުމާއެކުއެވެ. މި ގުރުއަތުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށްކުރިއަށްދާނެއެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށްނިންމާ، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ހަވާލުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްވެސް ހަދާފައިވަނީ 3 ކޮޓަރިއާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެނެވެ. މީގެ އިތުރުން ވައި ދައުރުވާނޭހެން ވެންޓިލޭޓަރ ހަރުކޮށް، ފަސޭހައިން އަރައިފޭބުމަށް ސިޑީގެ އިތުރުން ލިފްޓުވެސް ބަހައްޓާފައިވެއެވެ. 

ހަމައެހެންމެ އަލިފާނުގެ ޙަދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، މާލެއިން ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި، 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމަށް ބެކަޕް ޖަނަރޭޓަރުވެސް ވަނީ އިންސްޓޯލްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެންއަރުވާ ވަޑާމަކާއި، އެކުދިން ކުޅޭނެ ސަރަހައްދުތަކާއި، ޕާޓިތަކަށާއި އެހެނިހެން ހަފްލާތަކަށްވެސް ބޭނުންކުރެވޭނޭހެން ޓެރަސްވެސް ތަރައްޤީކޮށްފައިވެއެވެ.