ނިމިގެންދިޔަ ވޯލްޑް ކަޕްގައި އަލްޖީރިއާގެ ޤައުމީޓީމުގެ ކޯޗުގެގޮތުގައި ހުރި ވްލަޑްމިއަރ ޕެޓްކޮވިޗް މަގާމުން ވަކިކޮށްފިއެވެ.
ޕެޓްކޮވިޗްގެ ކޯޗުކަމުގެ ދަށުން އަލްޖީރިއާވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާ ފަހަނަ އަޅާ ރައުންޑް އޮފް 32އަށް ދަތުރު ކޮށްފައެވެ. އުމުރުން 62 އަހަރުގެ ޕެޓްކޮވިޗް މަގާމުން ވަކިކޮށްފައިވަނީ ވޯލްޑް ކަޕް އައުމުގެ ކުރިން އޭނާގެ ކޮންޓްރެކް 2028ގެ ނިޔަލަށް އިތުރު ކޮށްފައިވަނިކޮށެވެ. އޭނާ އަލްޖީރިއާގެ ޓީމާ ހަވާލުވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ބޮސްނިއާއަށް ނިސްބަތްވާ ޕެޓްކޮވިޗްގެ ކޯޗުކަމުގެ ދަށުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި އަލްޖީރިއާވަނީ ގްރޫޕް ޖޭގައި ހިމެނި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުން ބަލިވެ، އުރުދުން އާއި ބައްދަލުކޮށް 2 ލަނޑު އެއް ލަނޑުން މޮޅުވެ އަދި އޮސްޓްރިއާ އާއި ބައްދަލުކުރި މެޗު 3 ލަނޑު 3 ލަނޑުން އެއްވަރުކޮށް ގްރޫޕްގެ ތިންވަނަ ޓީމުގެގޮތުގައި ރައުންޑް އޮފް 32 އިން ޖާގަހޯދައިފައެވެ. ރައުންޑް އޮފް 32 ގައި އަލްޖީރިއާ ބަލިވެފައިވަނީ ސްވިޓްޒަލަންޑާއި ވާދަކޮށް 2-0 ލަނޑުންނެވެ.
އަލްޖީރިއާ ޓީމަށް ދެން އެންމެ އަވަހަށް އޮންނާނީ ސެޕްޓެމްބަރު މަހު ފަށާ 2027 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގއެވެ. އަލްޖީރިއާ ހިމެނިފައިވަނީ ޒެމްބިއާ، ޓޯގޯ އަދި ބްރުންޑީއާއެކު ގްރޫޕް އައިގައެވެ.