ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކުރިނބީ ބަނދަރު އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހދ. ކުރިނބީގައި ސަރުކާރުން ތަރައްޤީކޮށްދެއްވާފައިވާ ބަނދަރު އިފްތިތާޙުކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ، ހދ. ކުރިނބީ ބަނދަރު އިފްތިތާޙުކޮށްދެއްވާފައިވަނީ އެމަނިކުފާނު މިއަދު ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ކުރިނބީއަށް ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ސަރުކާރުން ކުރިނބީގައި ހައްދަވާދެއްވާފައިވަނީ 300 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ. މިބަނދަރު ހެއްދެވުމަށް 18.7 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކުރައްވާފައެވެ. 

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ކުރިނބީ ބަނދަރު ހުޅުވިގެންދިއުމަކީ ކުރިނބީ ރައްޔިތުންނާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ސިޔާސަތަކީ ކިތަންމެ ކުޑަ އަބާދީއެއް ނަމަވެސް އެސަރަޙައްދަކަށް ބޭނުންވާ ތަރައްޤީ ފޯރުކޮށްދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީއާނުލާ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނޭކަމަށާއި، ތައުލީމާއި އިޤްތިޞާދީ ތަރައްޤީއަކީ ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މުހިއްމު ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީ އަވަސްކުރަން ބޭނުންވާނަމަ، ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރައްވާނެ ބޭފުޅުން އެކި މަޤާމްތަކަށް އިންތިޚާބުކުރުން މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާއެކު މަސައްކަތްކުރާނެ، ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާނެ ކެނޑިޑޭޓުންތަކެއް އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. 

787 މީހުން ދިިރިއުޅޭ ކުރިނބީއަކީ ގާމަތީ ރަށެކެވެ. ގާމަތި ރަށަކަށްވުމާއެކު ކުރިނބީ ފާހަގަކުރެވިފައިވަނީ ލަފާފުރުުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ރަށެއްގެ ގޮތުގައެވެ. މިއަދު ސަރުކާރުން އިފްތިތާޙުކޮށްދެއްވި ބަނދަރާއެކު ޒަމާނުއްސުރެ އެރަށުގެ ރައްޔިތުން އުއްމީދުކުރަމުންދިޔަ ޒަމާނީ ފެންވަރުގެ ބަނދަރު މިވަނީ ހަޤީޤަތަކަށްވެފައެވެ.