އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑްގެ މެދުގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ލީޑްސް އިން ކާމިޔާބުކޮށް ލިވަޕޫލަށް ސިހުން ގެނުވައިފިއެވެ.
އެމެރިކާއަށް ޕްރީ ސީޒަން ޓުއަރގައި ގޮސް އުޅޭ މިދެޓީމުގެ މެދުގައި ޝިކާގޯގައި ކުޅުނު މިމެޗު ލީޑްސް އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 4 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔައީ ތަފާތު ދެ ހާފެކެވެ. މިގޮތުން ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ ހާފުގައި މޮޅަށް ކުޅުނު ތަން ފެނިގެންދިޔައީ ލިޑްސްގެ ފަރާތުންނެވެ.
ލިވަޕޫލް އިން އެމެރިކާއަށް ކުރި ޓުއަރގެ ފަހު މެޗުގައި އެޓީމުގެ ފެށުން ފެނިގެންދިޔައީ މިހާތަނަށް އާ ކޯޗު އެންޑޯނީ އަރައޯލާގެ ކޯޗުކަމުގެ ދަށުގައި ފެނިގެންދިޔަ އެންމެ މޮޅުކުޅުމުގެގޮތުގައެވެ. މިމެޗު ވެގެންދިޔައީ އެލެގްސެންޑަރ އިސާކް އާއި ފްރޮލިއަން ވަރޓްޒް ޗުއްޓީއަށްފަހު އެނބުރި އައިސް ޓީމާއި ގުޅުނު ފަހުން ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗަަށެވެ. އަދި މިމެޗުގެ ފުރަތަމަ ހާފުގައި މިދެ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ކުޅުން ފެށިތާ 7 ވަނަ މިނެޓުގައި ލިވަޕޫލުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ކޯނަރެއްގައި ލޫކް ޗެމްބަރސްއެވެ. މިމެޗުގައި ލިވަޕޫލް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހައިދިނީ ވަރޓްޒްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކީޕަރ ޖިއޯޖީ މަމަޑާޝްވިލީވަނީ ލީޑްސްގެ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއުކޮށްފައެވެ.
މިމެޗުގެ ދެވަނަ ހާފަށް ދެޓީމުންވެސް ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. މިމެޗުގައި ލީޑްސްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައި ބްރެންޑެން އާރޮންސަންއެވެ. އަދި މިލަނޑު ޖެހިތާ 11 މިނެޓް ފަހުން ލީޑްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮމިނިކް ކެލްވަރޓް ލުވިންއެވެ. މިލަނޑު ޖެހިތާ 2 މިނެޓް ފަހުން މިމެޗުގައި ލީޑްސްއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޝޯން ލޯންގްސްޓާފްއެވެ. އަދި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ކެލްވަރޓް ލުވިންއެވެ. މިހާފްގައި ލީޑްސްގެ އީތަން އެމްޕާޑޫގެ ދިގު އެއްލުންތަކުގެ ސަބަބުން ލިވަޕޫލަށް ގިނަ މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހުނެވެ. މިގޮތުން ލީޑްސްއިން ކާމިޔާބު ކުރި 4 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިފާވަނީ މީގެ ދެ ދިގު އެއްލުމުގެ ބޭނުން ހިފައިގެންނެވެ. އަދި މިމެޗުގައި ލީޑްސް އިން ކާމިޔާބު ކުރި 4 ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިންނެވެ.
ލިވަޕޫލްގެ ކޯޗު އަރައޯލާ ސިފަކުރި ގޮތުގައި މިމެޗުގެ ދެ ހާފުގައި ތަފާތު ދެ ލިވަޕޫލެއް އޭނާއަށް ފެނިގެންދިޔައެވެ. މިގޮތުން ފުރަތަމަ ހާފުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކުޅުން އޭނާއަށް ފެނިގެންދިޔައިރު ދެވަނަ ހާފުގައި ފެނިގެންދިޔައީ މިހާތަނަށް ފެނިގެންދިޔަ އެންމެ ދަށް ކުޅުމެވެ. ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޑޮމިނިކް ސޮބޯޒްލާއި ބުނިގޮތުގައި ސެޓް ޕީސްތަކުން އިދިކޮޅު ޓީމުން ދެ ލަނޑު ޖަހާފައިވުމުން މިއީ އެޓީމުން ކުރިއަށް އޮތްތާނގާ ރަނގަޅު ކުރަން ޖެހޭ ކަމެކެވެ.
ލިވަޕޫލްގެ ކޯޗު އަރައޯލާ ސިފަކުރާގޮތުގައި އޮގަސްޓް މަހަކީ އޭނާ އެންމެ ހިތްހަމަ ނުޖެހޭ މަސް ކަމަށެވެ. އެއީ މިމަހަކީ ސީޒަން ފަށާ މަހަށްވާއިރު މިމަހަކީ ޓީމުން ދާކުޅުންތެރިންނާއި ޓީމާއިއަލަށް ގުޅޭ ކުޅުންތެރިން ކަނޑައެޅިގެން ބުނަން ނޭނގޭ މަހަކަށްވާތީ ކަމަށެވެ.
ލީޑްސް މެޗަށްފަހު އެނބުރި އިންގްލަންޑްއަށް ލިވަޕޫލް ދާއިރު އަރައޯލާއަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ ވާޖިލް ވެން ޑައިކް، ކޯޑީ ގަކްޕޯ އަދި ކީޕަރ އެލިސަން ބެކަރ އަދި އަލަށް ޓީމަށް ސޮއިކުރި ވިކްޓަރ މުނޯޒް ޓީމާއި ގުޅުމެވެ. މިއާއެކު ޓީމުން މަދުވާނީ އާޖެންޓީނާ އާއެކު ވޯލްޑް ކަޕްގައި ވާދަކުރި އެލެކްސިސް މެކް އެލިސްޓަރއެވެ.