ތަޢުލީމު

"އެއް ސަހަރެއްގާ" ވާހަކަ ކިއުމުގެ މުބާރާތުގެ އެއްވަނަ ޝައިޙާނަށް


ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތް "އެއް ސަހަރެއްގާ" މިއީ ވާހަކަ ކިޔުމުގެ ފަންނު ކުރިއަރުވާ މި ފަންނަށް ކުދިން ޝައުޤުވެރިކުރުމުގެ މަޤްޞަދުގައި، ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް އަމާޒުކޮށްފައިވަނީ 13 އަހަރުގެ ކުދިންނަށެވެ.

ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތަށް ބައިވެރިން ހޮވާފައިވަނީ އޮޑިޝަނެއްގެ ތެރެއިންނެވެ. މި އޮޑިޝަނުން ފާސްވެގެން މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުޞަތު ލިބިފައިވަނީ 20 ބައިވެރިއަކަށެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު މި 20 ބައިވެރިންނަށް ވާހަކަ ކިޔުމުގެ ފަންނާ ހުނަރު، އަދި ހުށައެޅުންތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައްދަލުވުމެއްވެސް ބާއްވާފައިވެއެވެ.

މި މުބާރާތުގެ ޝަރަފްވެރި އެއްވަނަ މަޤާމް ހާޞިލްކޮށްފައިވަނީ މުޙައްމަދު ޝައިޙާން އަޙްމަދު ޝަފީޤެވެ. މުޙައްމަދު ޝައިހާން އަކީ މިދިޔަ އަހަރުވެސް މި މުބާރާތުގައި ބައިވެރިވެ ސެމީފައިނަލް އަށް ދަތުރުކުރި ބައިވެރިއެކެވެ. ނަމަވެސް، މި އަހަރު ޝައިހާން މިވަނީ މި މުބާރާތުގެ ރަން ވަނަ އުފުލާލާފައެވެ. ޝައިހާން އަށް އިނާމް ޙަވާލުކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެގައި، ޝަރަފްވެރި މެޙްމާން ޕީއެސް.އެމްގެ ވައިސް ޗެއަރޕާސަން އިބްރާހީމް ހިލްމީއެވެ. މި މުބާރާތުގެ ފަޚުރުވެރި އެއްވަނައަށް ޕީއެސްއެމްގެ ފަރާތުން 10 ހާސް ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14773223913351.jpg|މުބާރާތުން އެއްވަނަ ހޯދި ޝަފްޙާންއާއެކު ޕީއެސްއެމްގެ އިސްވެރިން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މިއީ ދިވެހި ރާއްޖޭގެ އަޑުން ބާއްވަމުންގެންދާ ވަރަށް އަގުހުރި، އަދި ހުނަރުވެރި ފަންނާނުންތަކެއް ފެނިގެންދާ، ޚާއްޞަ މުބާރާތެއްކަމަށެވެ. އަދި އަންނަ އަހަރު މި މުބާރާތް އަތޮޅުތަކަށް ހުޅުވާލާނެ ކަމުގެ އުފާވެރި ޚަބަރު އިކްރާމް ދެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14773223483512.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި، މި މުބާރާތުގެ ހުރިހާ ބައިވެރިންނާއި ފަނޑިޔާރުންނަށް ހަނދާނީ ލިޔުން ދީފައިވާއިރު، މި މުބާރާތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ލިޔުންތެރިކަމުގެ ގޮތުން އެންމެ މޮޅު ވާހަކަވެސް ވަނީ ހޮވާފައެވެ. މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ވިދާޅުވީ މި މުބާރާތުގައި އުމުރަށް ފެތޭ ރީތި ގިނަ ވާހަކަތައް ހުށައަޅާދީފައިވާކަމަށެވެ.

މި މުބާރާތުގެ ބައިވެރިން ހުށައަޅާފައިވާ ދީފައިވާ ވާހަކަތަކުގެ ތެރޭގައި ބިރުވެރި، އަދި ހެއްވާ މަޖާ ވާހަކަތައް ހިމެނެއެވެ. އަދި، ފަނޑިޔާރުންގެ މާރކްސް އެންމެ މަތިން ހޯދި އަންހެން ބައިވެރިއަކަށް "ވާހަކަ ރާނީ"ގެ ތާޖު، އަދި އެންމެ މަތިން މާކްސް ހޯދި ފިރިހެން ބައިވެރިއަކަށް "ވާހަކަ ރާޖާ"ގެ ތާޖުވަނީ ހަވާލުކޮށްފައެވެ.