ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހދ އަދި ށ އަތޮޅަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތިލަދުންމަތީ ދެކުނުބުރީގެ 4 ރަށަކަށާއި، މިލަދުންމަޑުލު އުތުުރުބުރީ ކަނޑިތީމަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެއެވެ. މިއީ އެރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދެވި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ރައީސް ޔަމީން ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސް ޔާމީން ހދ. އަތޮޅަށާއި ށ އަަތޮޅަށް ކުރައްވާ ދަތުުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުރިނބީ، ހދ. ނެއްލައިދޫ، ހދ.މަކުުނުދޫ، ހދ. ހިރިމަރަދޫ އަދި ށ.ކަނޑިތީމަށެވެ. ހދ.ކުރިނބީގައި ސަރުކާރުން ތަރައްޤީކުރެއްވި ބަނދަރާއި، ނެއްލައިދޫގައި ތަރަައްޤީކުރެއްްވި ބަނދަރު ހުޅުވުން އޮންނާނީ މާދަމާއެވެ. ކުރިނބިއަކީ ހދ. އަތޮޅުގެ މެދުތެރޭގައި އޮތް ގާމަތި ރަށެކެވެ. ރަށުގެ އާބާދީއަކީ 787 މީހުންނެވެ. ގާމަތި ރަށަކަށްވުމާއެކު ކުރިނބި ފާހަގަކުރެވިފައިވަނީ ލަފާފުރުުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ރަށެއްގެ ގޮތުގައެވެ. ޒަމާނުއްސުރެ އެރަށުގެ ރައްޔިތުން ދިޔައީ ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް އުންމީދުކުރަމުންނެވެ. ސަރުކާރުން މިހާރު މިވަނީ އެރަށުގައި 300 ފޫޓް ދިގު، 200 ފުޅާ ބަނދަރެއް ހައްދަވާދެއްވާފައެވެ. ބަނދަރު ހުޅުވުމަށް ކުރިނބީގައި ބާއްވަވާ ރަސްމިއްޔާތަށް، ރަށް ޒީނަތްތެރިކޮށް ރައީސަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ.

img:http://s3.psmnews.mv/images/660x400/14773096528342.jpg|ހދ. ކުރިނބި

ހދ. ނެެއްލައިދޫއަށް ބަލާއިރު އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ބަނދަރެއް ހެދި ލަފާފުރުމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބުމެވެ. މިރަށުގައި 1255 މީހުން ދިރިއުޅެއެވެ. ރައީސް ޔަމީން މާދަމާ ނެއްލައިދުއަށް ވަޑައިގެން އެރަށުގެ ބަނަދަރުވެސް ހުޅުއްވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ހދ. ހިރިމަދޫއަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، އެރަށުގެ ބަނދަރު ރައީސް އިފްތިތާޙުކޮށްދެއްވާނެއެވެ. 

ސައްބީސް އޮކްޓޫބަރުވާ ބުދަދުވަހު ހުޅުވުމަށް ހަމަޖެހިފައިވަނީ މަކުނުދޫ ބަނދަރެވެ. ސަރުކާރުން މަކުނުދޫގައި ތަރައްޤީކުރެއްވި ބަނދަރަކީ 800 ފޫޓް ދިގު، 300 ފޫޓް ފުޅާ ބަނދަރެކެވެ. މަކުުނުދޫ ބަނދަރު ހެދުމަށް 50 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވެއެވެ. މިއީ ޔޫރަޕިއަން އިންވެސްޓަމަންޓް ބޭންކްގެ ލޯން އެހީގައި ކުރިއަށްގެންދެވި މަޝްރޫޢެކެވެ. ސުނާމީ ކާރިސާގައި މަކުުނުދޫ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު، މަކުުނުދޫ ރައްޔިތުން ދިޔައީ އައު ބަނދަރަކަށް އިންތިޒާރުކުރަމުންނެވެ. މަކުުނުދޫއަކީ އާބާދީގައި 1745 މީހުން ދިރިއުޅޭ މަސްވެރި ރަށެކެވެ.

img:http://s1.psmnews.mv/images/660x400/14773096788030.jpg|ހދ. ނެއްލައިދޫ

ރައީސް ޔާމީންގެ ދަތުރުފުޅުގައި ށ.އަތޮޅު ކަނޑިތީމަށް ވަޑައިގެން އެރަށުގެ ނަރުދަމާ އިފްތިތާޙްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑިތީމުގައި ސަރުކާރުން ޤާއިމްކުރެއްވި ނަރުދަމާ ނިޒާމަކީ 40.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 400 އެއްހާ ގެއަށް ނަރުދަމާ ނިޒާމް ގުޅާލެވިފައިވާއިރު، މިއީ 1520 މީހުންގެ އަބާދީއެއް ދިރިއުޅޭ ކަނޑިތީމް ރައްޔިތުންވެސް ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ.  

ރައީސް ޔާމީން މިރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ.

ހދ.އަތޮޅާއި ށ އަތޮޅަކީވެސް ޢުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ދެ އަތޮޅެވެ. ހދ.ކުޅުދުއްފުއްޓާއި، ހދ.ހަނިމާދޫ، އަދި ށ.ފުނަދޫގައި މިހާރު ދަނީ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ދެ އަތޮޅުގެ 6 ރަށެއްގައި މިހާރުވެސް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ހަތް ރަށެއްގައި ކުރިއަށްދެއެވެ. މީގެ އިތުރުން ހއ، ހދ، ށ ހިމެނޭހެން ސަރަޙައްދީ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމް ކުރުމަށް ބޭރުގެ އެހީ ހަމަޖެހި އެ މަޝްރޫޢުގެ ބައިތައްވެސް މިހާރު ވަނީ ފެށިފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ރާއްވަވާފައިވާއިރު، ސަރުކާރުގެ މިދައުރުގެ ތެރޭގައި ކުޅުދުއްފުއްޓާއި ފުނަދޫގައި އެއަރޕޯޓް ތަރައްްޤީ ކުރެއްވުމަށް ނިންމަވާ އެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އަދި ކުޅުދުއްފުށީ ހިއްކި ބިން ތަރައްޤީކުރުމުގެ މަޝްރޫޢަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީ ހަމަޖެހި އެ މަޝްރޫޢު ފެއްޓެވުމަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.