ތިމާވެށި

ތިމާވެއްޓަށް އަސަރު ކުޑަވާނެހެން މަޝްރޫޢުތައް ޕްލޭން ކުރަންޖެހޭ


މޫސުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަވާނެހެން ތަރައްޤީގެ މަޝްރޫޢުތައް ޕްލޭން ކުރައްވާ، ހިންގެވުން މުހިއްމު ކަމުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގަވާ "ކްލައިމެޓް ޗޭންޖް މެއިންސްޓްރީމިންގ އެންޑް ރިސްކް ސްކީރިންގ" މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ދުވަހުގެ މުއްދަތަކަށް ހިންގާ މި މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ ހޮޓެލް ޖެންގައެވެ. img:http://s3.psmnews.mv/images/660x400/14773077225993.jpg|"ކްލައިމެޓް ޗޭންޖް މެއިންސްޓްރީމިންގ އެންޑް ރިސްކް ސްކީރިންގ" މަސައްކަތު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

"ކްލައިމެޓް ޗޭންޖް މެއިންސްޓްރީމިންގ އެންޑް ރިސްކް ސްކީރިންގ" މި މަސައްކަތު ބައްދަލުވުމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ ފަރާތުން ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ޚާއްސަ މަސައްކަތު ބައްދަލުވުމެކެވެ. މިއީ ތަރައްޤީއާއި ގުޅުންހުރި ޕްލޭންތައް އެކުލަވާލުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި، މޫސުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ތިމާވެއްޓަށް އެކަމުންކުރާ ނޭދެވޭ އަސަރު ކުޑަ ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސޭޓްސް" އޭއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގައި ނަމޫނާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ތަރައްޤީގެ ރޮނގުން ރާއްޖެ އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ މިފަދަ ދަނޑިވަޅެއްގައި، މޫސުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވިހާވެސް ކުޑަވާނެހެން ތަރައްޤީގެ މަޝްރޫޢުތައް ޕްލޭންކުރައްވާ، ހިންގެވުން މުހިއްމުކަމުގައެވެ. img:http://s1.psmnews.mv/images/660x400/14773077579562.jpg|"ކްލައިމެޓް ޗޭންޖް މެއިންސްޓްރީމިންގ އެންޑް ރިސްކް ސްކީރިންގ" މަސައްކަތު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫތައް ހިންގެވުމުގައި އޭ.ޑީ.ބީއަކީ މުހިއްމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށެވެ. ވަކިން ޚާއްސަގޮތެއްގައި ތިމާވެށީގެ ރޮނގުން ސަރުކާރުން ހިންގަވާ މުހިއްމު މަޝްރޫޢުތަކަށް އެ ބޭންކް ފަރާތުން ލިބެމުންދާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ގުދުރަތީ މާހައުލު އުފެދިފައިވާ ގޮތާއި، މޫސުމަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ސަރަޙައްދީ ޤައުމުތަކަށް ހުރި ގެއްލުންތަކާއި، އެ ގެއްލުންތަކުގެ އަސަރު ކުޑަކުރެވިދާނެ ގޮތްތައް ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ އޭ.ޑީ.ބީގެ ފަންނީ ތަޖުރިބާކާރުންނެވެ. ދެ ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން 50 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.