ޚަބަރު

ބަޔާންގެ ބްރައުން ރަސްމީކޮށް ނޫސްވެރިންނަށް ދައްކާލައިފި


  • ބްރައުން ފެނިގެންދާނީ ބަޔާންގެ 11 ނަމްބަރު ޖަރޒީގައި

ޖަރުމަނު ބުންޑެސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް މިސީޒަންގައި ސޮއި ކުރި ނަތާނިއެލް ބްރައުން ރަސްމީކޮށް ނޫސްވެރިންނަށް ދައްކާލައިފިއެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުން ވިދާލި ބްރައުން ކުރިއަށް އޮތް ސީޒަންގައި ފެނިގެންދާނީ ބަޔާންގެ 11 ނަމްބަރު ޖަރޒީގައެވެ. ބްރައުން ބުނީ އޭނާގެ ވިސްނުންހުރީ ވީހާވެސް ގިނަ މެޗު ކުޅެ ޓީމަށް އެހީތެރިވެދީ އަދި ލަނޑު ޖެހުމަށް ކަމަށެވެ.

ބްރައުން ބުނިގޮތުގައި އޭނާގެ އެންމެ މުހިންމު ހުނަރުތަކުގެ ތެރޭގައި ފާހަގަ ވެގެންދާނީ ދުވެލިބާރުވުމުގެ އިތުރުން މެޗުތެރޭގައި ހުސްތަންތަން ދެނެގަތުން ކަމަށެވެ. އަދި އޭނާ ރަނގަޅު ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ބޮލުން ޖެހުމާއި މަތިން އޭނާގެ ފަހަތަށް ލާ ބޯޅަތައް ދިފާއު ކުރުން ހިމެނޭ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ބަޔާންގެ ޑިރެކްޓަރ އޮފް ސްޕޯޓްސް މެކްސް އެބަރލް ބުނީ އެއިންޓްރެކްޓް ފްރޭންކްފަރޓް ޔުއޭފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވިއިރު ބްރައުންވަނީ ވަރަށް މުހިންމު ދައުރެއް އެޓީމުގައި ދައްކާފައެވެ. އަދި މިދިޔަ ސީޒަން ފްރޭންކްފަރޓްއަށް އުނދަގޫ ސީޒަނަކަށް ވުމާއެކުވެސް ބްރައުންވަނީ އޭނާގެ މޮޅު ކުޅުން އެޓީމުގައި ދައްކާފަކަމަށެވެ.

އޭނާގެ ކުޅުމަކަށް އަދި ކުރަމުންދިޔަ ހިތްވަރަކަށް އެއްވެސް އަސަރެއް ކުރިތަނެއް ފެނިގެން ނުދިޔަ ކަމަށާއި ބަޔާންއަށް ބޭނުންވަނީ އެފަދަ ކުޅުންތެރިންކަމަށް އެބަރލް ފާހަގަކުރިއެވެ.

ފީފާއިން ހިއްސާ ވިއްކުމަށް ގެންގުޅޭ ޕްލޭނާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން އެބަރލް އެކަން ސިފަކޮށްފައިވަނީ އެއީ ލަދުވެތި ކަމެއްގެގޮތުގައެވެ.

އޭނާ ބުނީ ފުޓްބޯޅައިގާ މިފަދަ ކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރުންވެސް އެއީ އޭނާއަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި ފީފާއިން ލިބޭ ކޮންމެ ފުރުސަތެއްގައި މާލީ ފައިދާ ހޯދަން އުޅުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ މުބާރާތްތައް އިންތިޒާމް ކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޔުއޭފާއިން މިޕްލޭނަށް ދެކޮޅު ހަދާ ނިންމާ ނިންމުމަކަށް ބަޔާންއިން ފުރިހަމައަށް ތާއީދު ކުރާނެކަމުގެ ޔަގީންކަންވެސް އެބަރލް ދީފައިވެއެވެ.