ކުޅިވަރު

ކޮރެޔާގެ ވޯލްޑް ކަޕް ތަރި އެތްލެޓިކޯ އަށް


އެންމެ ފަހުގެ ވޯލްޑް ކަޕުގައި ދެކުނު ކޮރެޔާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ލީ ކަންގް އިން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ސޮއި ކުރަން އެއްބަސް ވެއްޖެ އެވެ.

އެތްލެޓިކޯއިން ބުނީ ފްރާންސްގެ ޕީއެސްޖީން ހުސްވި ދެ ސީޒަނުގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މުހިންމު ރޯލެއް ކުޅުނު ލީ ކަންގް އެ ޓީމަށް ސޮއި ކުރާނީ 2031ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އޭނާ ކުލަބު ބަދަލު ކުރަނީ ކިހާ ފައިސާއަކަށް ކަމެއް އެއްވެސް ޕީއެސްޖީ އާއި އެތްލެޓިކޯއިން ވެސް އަދި ނުބުނެ އެވެ. ނަމަވެސް ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މި ޓްރާންސްފާގެ އަގަކީ 35 މިލިއަނާއި 40 މިލިއަން ޔޫރޯއާ ދެމެދުގެ އަދަދެކެވެ.

އުމުރުން 25 އަހަރުގެ ލީ ވަނީ ވޯލްޑް ކަޕުގައި ކޮރެޔާ ކުޅުނު ތިން މެޗުގައި ވެސް މޮޅަށް ކުޅެފަ އެވެ. ނަމަވެސް އޭނާގެ ގައުމަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭވަރެއް ނުވި އެވެ.

ލީ ކަންގް އިން ވަނީ ކުރިން ވެސް ސްޕޭނުގައި ކުޅެފަ އެވެ. އޭނާ އެންމެ ފުރަތަމަ ސްޕޭނުގައި ކުޅުނީ އުމުރުން 10 އަހަރުގައި އެ ގައުމުގެ ވެލެންސިއާ އެކަޑަމީގަ އެވެ.އޭގެ ފަހުން ސްޕޭނުގެ ސެވިއްޔާ އަށް ވެސް ކުޅުނެވެ. ޕީއެސްޖީ އަށް ބަދަލުވީ 2023ގަ އެވެ. އެ ކުލަބަށް އޭނާ ވަނީ 124 މެޗުން 16 ގޯލު ޖަހައިދީފަ އެވެ.

އެތްލެޓިކޯއިން އޭނާގެ ސޮއި ހޯދި މައިގަނޑު ސަބަބަކީ އެ ޓީމަށް ކުޅުނު ފްރާންސްގެ ތަޖުރިބާކާރު ފޯވަޑް އަދި އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެންޓޮއިން ގްރިއެޒްމަން އެމެރިކާގެ ލީގަށް ބަދަލުވުމުންނެވެ.