ޓޮޓެންހަމަށް ކުޅޭ އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ގަތުމަށް އިޓަލީގެ އިންޓަ މިލާނުން މަސައްކަތް ފަށައިފި އެވެ.
އުމުރުން މިހާރު 28 އަހަރުގެ ޑިފެންޑަރު ގަތުމަށް އިންޓަމިލާނުން މަސައްކަތް ފެށިއިރު ޓޮޓެންހަމުން ވެސް އޭނާ ދޫކޮށްލަން އޮތީ ތައްޔާރަށެވެ. ސަބަބަކީ ކޯޗު ރޮބާޓޯ ޑިޒާބީ އެ މަގާމަށް ކުޅެން ދެ ކުޅުންތެރިއަކު ހޯދާފައިވުމެވެ.
"ރޮމޭރޯ އަކީ އަހަރުމެންގެ ޕްލޭނަށް ފެތޭ ކުޅުންތެރިއެއް. އަދި އަހަރުމެން ވަރަށް ބޭނުންވާ ކުޅުންތެރިއެއް. އަހަރުމެން މިދަނީ އޭނާ ގަތުމަށް މަސައްކަތް ކުރަމުން. ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު،" އިންޓަ މިލާނުގެ ސްޕޯޓިން ޑައިރެކްޓަރު ޕިއެރޯ ބުންޏެވެ.
އިންޓައިން ރޮމޭރޯ ގަތުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ ފަހަތަށް ކުޅުނު ޑަމްފްރައިސް ރެއާލް މެޑްރިޑަށް ބަދަލުވުމާއި ސްޓެފަން ޑީވްރާޖަށް މިހާރު މުޅިން ބަރޯސާ ނުވެވޭތީ އެވެ.
އަނެއް ކޮޅުން ޓޮޓެންހަމުން ރޮމޭރޯ ވިއްކާލަން ބޭނުންވާ އެއް ސަބަބަކީ ގާތްގާތުގައި އޭނާ ރަތްކާޑު ހޯދާތީ އެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ކުލަބާ ގުޅުނު ކުޅުންތެރިޔާ އަކީ އާޖެންޓީނާގެ ޖާޒީގައި ތަފާތު ކުޅުންތެރިއެކެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި މި އަހަރު ނިމުނު މުބާރާތުގައި އާޖެންޓީނާގެ ފަހަތް އޭނާ ވަނީ ހުށިހާރު ކަމާއެކު ބަލަހައްޓައިދީފަ އެވެ.
ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ރޮމޭރޯ އަކީ އެ ގައުމުގެ ބާސެލޯނާއިން ވެސް ޝައުގުވެރިވާ ކުޅުންތެރިއެކެވެ. ނަމަވެސް ބާސެލޯނާއިން މިހާތަނަށް އޭނާ ގަތުމަށް ރަސްމީކޮށް ހުށަހަޅާފައިނުވެ އެވެ. ވޯލްޑް ކަޕާއެކު ރޮމޭރޯގެ އަގު މާކެޓްގައި މިވަގުތު އުޅެނީ 50 މިލިއަން ޔޫރޯގަ އެވެ. ނަމަވެސް އިންޓަ މިލާން އުއްމީދު ކުރަނީ ގިނަވެގެން 30 މިލިއަން ޔޫރޯ އަށް މި ޓްރާންސްފާ ނިންމާލެވޭނެ ކަމަށެވެ.