ޚަބަރު

މަސްތުވާތަކެއްޗާއެކު ތިނަދުއިން މީހަކު ހައްޔަރުކޮށްފި


ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގދ. ތިނަދުއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ތިނަދޫ ބަނދަރު ސަރަޙައްދުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނެއްކަމަށެވެ. ފުލުހުން ވިދާޅުވީ މީނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސާއި ބަނޑާ ދޭތެރެއަށް ލައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 485 ގްރާމްހުރި ބޮޑު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.