ޚަބަރު

"މަސީ-ބިލްޑް އެންޑް ހޯމް އެކްސްޕޯ" ފުޅާކުރުމަކީ އަމާޒު - ޖަނާޙް


"މަސީ-ބިލްޑް އެންޑް ހޯމް އެކްސްޕޯ" އަކީ މި ސަރަޙައްދުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ފެއަރއަށް ހެއްދެވުމަކީ އެންމެ ބޮޑު އަމާޒުކަމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވެއްޖެއެވެ.

މަސީގެ ރައީސް މިހެން ވިދާޅުވީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަސީ - ބިލްޑް އެންޑް ހޯމް އެކްސްޕޯ، އޮގަނައިޒް ކުރުމުގެ މަސައްކަތް ޗޮޕް އާރޓާއި ހަވާލުކުރައްވާ، އެ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސެވުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ ކޮންސްޓްރަކްޝަން ސިނާއަތަށް ޙާއްސަ ކޮށްގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް، މަސީއިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބިލްޑް އެންޑް ހޯމް އެކްސްޕޯއަކީ އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ހިދުމަތްތައް އެއް ތަނަކުންފެންނާނެ ގޮތް ހަމަޖެއްސެމަށް ޓަކައި ބާއްވާ އެކްސްޕޯއެކެވެ.

ބިލްޑް އެންޑް ހޯމް އެކްސްޕޯ އޮގަނައިޒް ކުރުމުގެ މަސައްކަތް ޗޮޕް އާރޓާއި ޙަވާލުކުރައްވާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ޗޮޕް އާޓުގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާމިދު އުމަރެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ އެކަމާ ގުޅޭ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމެވެ. މި އެއްބަސްވުންތަކުގައި މަސީގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަލީ ޖަނާހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ، ބޭރު ޤައުމުތަކުގެ ކޮންސްޓްރަކްޝަން ތަކެތި ސަޕްލައިކުރާ ފަރާތްތަކުން ރާއްޖެއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮންނަ ކަމަށެވެ. އެހެންކަމުން މިފަދަ ފެއަރ އަކުން ތަކެތި ސްޕަލައި ކުރާ ފަރާތްތަކާއި، ތަކެތި ގަންނަ ފަރާތްތަކާއި ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އެކްސްޕޯ ކުރިއަށް އޮތްތާގައި އިތުރަށް ކުރިއަރައި، މި ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ކޮންސްޓްރަކްޝަން ފެއަރ އަށް މި ފެއަރ ވެގެން ދިޔުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޖަނާހް ވިދާޅުވިއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ވިދާޅުވީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތަކީ ކޮންސްޓްރަކްޝަންގެ ސިނާއަތް ކަމަށްވާއިރު އެ ސިނާއަތް ކުރިއެރުވުމަށް ޕީއެސްއެމުން އެއްބާރުލުންދޭން ބޭނުންވާ ކަމަށެވެ. އަދި މި އެކްސްޕޯގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖެހިގެން ދިޔުމަކީ ލިބޭ އުފަލެއް ކަމުގައި އިކްރާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗޮޕްއާރޓުގެ މެނޭޖިންގ ޑިރެކްޓަރ ހާމިދު އުމަރު، ވިދާޅުވީ މިފަހަރުގެ ފެއަރއިން ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ފެއަރގެ ކޮންމެ ސްޓޯލްއަކުން އެ ސްޓޯލަކާ ބެހޭ ފޮތެއް ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކުރިއަށްދާ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ކޮންސްޓަރަކްޝަންއާއި ގުޅޭގޮތުން ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުންވެސް ފެއަރގެ ތެރެއިން ކުރިއަށްދާނެ ކަމަށް ހާމިދު ވިދާޅުވިއެވެ.

މިއަދު ސޮއިކޮށްފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަންނަ އަހަރުގެ މަސީ - ބިލްޑް އެންޑް ހޯމް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހު ހަފްތާ ތެރޭގައި ކަމަށް މަސީއިން ހާމަކުރެއެވެ.