ޚަބަރު

" ކުރިއަށްއޮތް 2 ދުވަހުވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ "


ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ހާމަކުރައްވައިފިއެވެ. 

އެއިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. ވިއްސާރައާއި ގުޅިގެން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މިސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މިވިއްސާރައިގެ އަސަރު  ވޭތުވެދިޔަ 24 ގަޑިއިރު އެންމެބޮޑަށް ކޮށްފައިވަނީ މެދުތެރޭގެ އަތޮޅުތަކަށްކަމަށް ގައުމީ މޫސުމާއި ބެހޭ  އިދާރާއިން ވިދާޅުވެއެވެ.