ޚަބަރު

ބެލްޖިއަމްގެ ކޯޗަކަށް ވެން ބޮމެލް ހަމަޖައްސައިފި


  • ވެން ބޮމެލް ވަނީ ބެލްޖިއަމާއެކު 2އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ

ބެލްޖިއަމް ޤައުމީ ޓީމުގެ އާ ކޯޗަކަށް ނެދަލަންޑްސްގެ ކުރީގެ ކުޅުންތެރިޔާ މާކް ވެން ބޮމެލް ހަމަޖައްސައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވެން ބޮމެލް ބެލްޖިއަމްގެ ކޯޗުކަމަށް ގެނެސްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2028 ވަނަ އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ ނިޔަލަށެވެ.

އުމުރުން 49 އަހަރުގެ ވެން ބޮމެލް ބެލްޖިއަމްގެ ކޯޗު ކަމާ ހަވާލުވެފައިމިވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އެޓީމު ކުއާޓަރ ފައިނަލާ ހަމައަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޫޑީ ގާސިއާ އާއިއެކު ހަދާފައިވާ އެއްބަސްވުން ބެލްޖިއަމްގެ ފުޓްބޯލް އެސޯސިއޭޝަނުން އައު ނުކުރަން ނިންމުމާއެކުއެވެ.

ބެލްޖިއަމްގައި ވެން ބޮމެލް ބޮޑަށް ފާހަގަވެފައިވަނީ އެންޓްވާޕްގެ ކޯޗެއްގެގޮތުގައި އޭނާ ހޯދި ކާމިޔާބީ އާއެކުއެވެ. އޭނާވަނީ އެންޓްވާޕަށް 2022-2023 ވަނަ ސީޒަންގައި ލީގުގެ އިތުރުން ކަޕް މުބާރާތްވެސް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާވަނީ ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދްހޯވެން އާއި ޖަރުމަނު ބުންޑެސްލީގާގެ ވީއެފްއެލް ވުލްފްސްބާގަށްވެސް ކޯޗުކޮށްދީފައެވެ.

ވެން ބޮމެލް ކުޅުންތެރިއެއްގެ ހައިސިއްޔަތުން ނެދަލަންޑްސް ޓީމަށް 79 މެޗު ކުޅެފައިވާއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ނެދަލަންޑްސް ޓީމުގައި ވެސް ކުޅެފައިވެއެވެ. މީގެއިތުރުން ކްލަބް ލެވެލްގައި އޭނާވަނީ އެފްސީ ބާސެލޯނާ، ބަޔަން މިޔުނިކް، އޭސީ މިލާން އަދި އެއިންދްހޯވެންއަށް ކުޅެފައެވެ. މިއީ އެންޓްވާޕްގެ ކޯޗުކަމުން މީގެ ދެއަހަރު ކުރިން ދުރުވިފަހުން އޭނާ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ. ވެން ބޮމެލް ކުރިން ބުނެފައިވާގޮތުގައި އޭނާ އަލުން ކޯޗުކަމުގެ ތެރެއަށް އަންނާނީ އެކަމަށް ރަނގަޅު ޕްރޮޖެކްޓެއް ލިބެންޔާއެވެ.

ވެން ބޮމެލްއަށް ބެލްޖިއަމްގެ ކޯޗުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކާއެވެ. މިގޮތުން ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު އޮންނަ އިންޓަރނޭޝަނަލް ބްރޭކްގައި ނޭޝަންސް ލީގުގެ ހަތަރު މެޗު ބެލްޖިއަމް ކުޅެންވަނީ ހަމަޖެހިފައެވެ.

މިގޮތުން ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި އިޓަލީވިލާތާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު 28 ވަނަ ދުވަހު ބައްދަލުކުރާނީ ފަރަންސޭސިވިލާތާއެވެ. މީގެއިތުރުން ތުރުކީއާއި ފަރަންސޭސިވިލާތާއި ދެވަނަ ފަހަރަށް ބައްދަލުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.