ޚަބަރު

އައިޔޫއެމް އިން ބުރުނާއީގެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއް ސޮއި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ބުރުނާއީ ދާރުލްސަލާމުގެ ސުލްތާން ޝަރީފް ޢަލީ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު އެއްބާރުލުން ދިނުމުގެ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.  

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބުރުނާއީދާރުލްސަލާމުގެ ސުލްތާން ޝަރީފް ޢަލީގެ ކޮންވޮކޭޝަންގައި ޚާއްސަ މެހެމާނެއްގެގޮތުން ބައިވެރިވެވަޑައިގެންނެވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބުރުނާއީދާރުލްސަލާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވާފައިވަނީ  ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ބުރުނާއީދާރުލްސަލާމުގެ ސުލްތާން ޝަރީފް ޢަލީ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެތަނުގެ ރެކްޓަރ ޑރ. ހާޖީ ނޫރް ޢަރްފާމް ބިން ހާޖީ ޒައިނަލް އެވެ. 

ދެ ޔުނިވަރސިޓީގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕޯސްޓްގްރެޖުއޭޓް ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށާއި، ކޯހާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ދެ ޔުނިވަރސިޓީގެ ދެމެދުގައި ދަރިވަރުން ބަދަލުކުރުމާއި، އަންޑަރގްރެޖުއޭޓް ދަރިވަރުން "ސްޓަޑީ އެބްރޯޑް ޕްރޮގްރާމް"ގެ ދަށުން ތަޢުލީމު ހާސިލުކުރުމަށާއި، ކޯހާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ދެ ޔުނިވަރސިޓީގެ ދެމެދުގައި ދަރިވަރުން ބަދަލުކުރުން ހިމެނެއެވެ. އަދި ދެ ޔުނިވަރސިޓީ ގުޅިގެން ވޯރކްޝޮޕްތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާއި، ދެ ޔުނިވަރސިޓީ ގުޅިގެން ރިސާރޗްއާއި، ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތައް ހިންގުންވެސް ހިމެނެއެވެ. ހަމައެހެންމެ ދެ ޔުނިވަރސިޓީ ދެމެދުގައި އިދާރީ މުވައްޒަފުން ތަމްރީނާއި ތަޖްރިބާ ލިބިގަތުމަށްޓަކައި ބަދަލުކުރުންވެސް ހިމެނޭކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މަޢުލޫމާތުދެއްވައެވެ.