ރިޕޯޓް

އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމް ނިންމާލައިފި


ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތްތައް ބޭނުންކުރައްވައިގެން ކުރިއަށް އޮތްތަނުގައި އޮފީސްތަކުގެ ވެރިންނާއި، ހުރިހާ ގިންތިތަކުގެ މުވައްޒަފުންނަށް، ހިންގުމުގެ ދާއިރާ ހަރުދަނާކުރެއްވުމާއި، ތަމްރީނުތަކެއް ފަށްޓަވާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިހެން ވިދާޅުވީ، އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޚާއްސަކުރައްވައިގެން "އެކްސްޕީރިއަންސް ލީޑަރޝިޕް ވިތް އެމް.އެން.ޑީ.އެފް"ގެ ނަމުގައި ހިންގެވި ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އެމްއެންޑީއެފް މާލޭ އޭރިއާގެ ފަރާތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ހިންގި "ލީޑަރޝިޕް އެންހޭންސްމަންޓް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގައި އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ހިމެނޭހެން އެ އޮފީހުގެ 56 މުވައްޒަފަކު ބައިވެރިވެ ފުރިހަމަކުރައްވާފައިވެއެވެ. ލީޑަރޝިޕްގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް ހިންގެވި މިޕްރޮގްރާމްގައި ލީޑަރޝިޕް ހަރުދަނާކުރެއްވުމަށް ދިވެހި އަސްކަރިއްޔާގެ މެމްބަރުން ފުރިހަމަކުރައްވާ ތަފާތު ހަރަކާތްތަކުގެ ތަޖުރިބާ އޮޑިޓް އޮފީހުގެ މުއްވަޒަފުން ވަނީ ފުރިހަމަ ކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14772039456979.jpg|އެމްއެންޑީއެފް އިން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމް ނިމުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ:އެމްއެންޑީއެފް

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ވަނަވަނައަށް އައި ފަރާތްތަކަށް ތަށި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.  މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ނަމޫނާ ދައްކަވައި ތަމްރީނު ޕްރޮގްރާމްގައި އޮޑިޓަރ ޖެނަރަލް ދެއްކެވި ނަމޫނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި އަސްކަރިއްޔާ އަބަދުވެސް އޮންނާނީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އިސްސަފުގައި އެންމެ ފުރަތަމަ ނިކުންނަބައެއްގެ ގޮތުގައިކަމަށާއި، ކޮންމެ ކަމެއްގައިވެސް ޤައުމު އިސްކުރުމަކީ މުހިންމުކަމެކަން ޤަބޫލުކޮށް ސިފައިންނެކޭ އެއްގޮތަށް އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް އެ ގޮތުގައި ތިބުމަށް ޑިފެންސް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އޮފީސްތަކުގެ އެކިފަންތިތަކުގެ މުވައްޒަފުންނަށް ޚާއްސަކުރައްވައިގެން ލީޑަރޝިޕް ކުރިއެރުވުމާއި ހިންގުން ހަރުދަނާކުރެއްވުމުގެ އިތުރު ތަމްރީނުތަކެއް ފަށްޓަވާނެކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14772039768749.jpg|އެމްއެންޑީއެފް އިން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމް ނިމުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ:އެމްއެންޑީއެފް

މިރަސްމިއްޔާތުގައި އޮޑިޓް އޮފީހުގެ މުއްވައްޒަފުންނަށް ހިންގެވި ލީޑަރޝިޕް ޕްރޮގްރާމްގެ އަގުވަންޒަންކުރައްވައި އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވީ، ސިފައިންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަވާ ޤައުމު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާ ބައެއްކަމަށާއި، އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ހިންގެވި ޕްރޮގްރާމުން ފެނުނު މަންޒަރުން ދިވެހި ސިފައިންނަށް އޮތް ލޯބި އިތުރުވެގެންދިޔަކަމަށެވެ. 

48 ގަޑި އިރު ވަންދެން  އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ސިފައިންނާއެކު ކުރީ ތަފާތުތަޖުރިބާއެއްކަމަށާއި، ދަސްވިކަންކަމުން އޮފީސް މާހައުލާއި ދިރިއުޅުމުގެ ކަންކަމުގައި ބޭނުންހިފޭނެ އެތަށްކަމެއް ދަސްވެގެން ދިޔަކަމަށް މި ޕްރޮގްރާމްގައި އެންމެ މޮޅު އަންހެން ބައިވެރިއާ، އާމިނަތު މުޢާޒާ ބުންޏެވެ. މިމަހުގެ 20 އިން 22 އަށް ގިރިފުށީގައި ހިންގެވި މި ޕްރޮގްރާމްގައި ލެކްޗަރާއިންގެ ގޮތުގަ އާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ މުދައްރިބުންނާއި، އެމްއެންޑީއެފް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.