ކުޅިވަރު

ޑިޔޮންގަށް އަނިޔާ ވެއްޖެ، ބާސެލޯނާއިން އޭނާ ބޭނުންވޭތަ؟


މީޑްފީލްޑަރު ފްރޭންކީ ޑިޔޮންގަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުންނަން ޖެހުމުގެ ބިރާ ކުރިމަތިވިއިރު ބާސެލޯނާއިން އޭނާ ބޭނުންނުވާ ކަމުގެ އަޑުތައް ވެސް ގަދަވެއްޖެ އެވެ.

ނެދަލޭންޑްސްގެ މިޑްފީލްޑަރު ކަނާތު ފަޔަށް އަނިޔާވެފައިވާކަން އެނގުނީ ކުޅުންތެރިން ޕްރީސީޒަން ފެށުމަށް ކުލަބާ ގުޅުމުން ހެދި މެޑިކަލް ޓެސްޓްތަކުގަ އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލޭންޑްސް އަށް ކުޅުނީ ވެސް އޭނާގެ ކަކޫ ވަރަށް ބޮޑަށް ބެންޑޭޖް ކޮށްގެންނެވެ. ބާސެލޯނާއިން ތުހުމަތު ކުރާ ގޮތުގައި ޑިޔޮންގެ ކަކުލުގެ ތަދު ބޮޑުވީ އަނިޔާގައި ހުރި ވޯލްޑް ކަޕް ކުޅުމުންނެވެ. ވޯލްޑް ކަޕުން ނެދަލޭންޑްސް ކެޓީ ގަދަ 32 ޓީމުގެ ބުރުންނެވެ.

"ހީކުރި ވަރަށްވުރެ މި އަނިޔާގެ ސީރިއަސްކަން ބޮޑު. މިވަގުތު އޮޕަރޭޝަން ނުކޮށް އަނިޔާއިން ސަލާމަތްވުމުގެ ފުރުސަތު އޮތީތީވެ އެކަމަށް ޝުކުރުވެރިވަން. މިވަގުތު ހުރިހާ ވިސްނުމެއް ހުރީ މިކަމުން އަރައިގަތުމަށް،" ޑިޔޮންގް ބުންޏެވެ.

އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ސްޕެނިޝް ލީގު ފަށާއިރު ބާސެލޯނާއިން ވަނީ ޑިޔޮންގަށް ގިނަ ހަފުތާތަކެއް ގެއްލޭނެ ކަމަށް ބުނެފަ އެވެ. އަދި މިއީ އޭނާ ހިމަނައިގެން އެ ކުލަބުގެ ޕްލޭން އެކުލަވާލަން ދަތިވާ ކަމެއް ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ސަބަބަކީ އަވަސް އަވަހަށް ޑިޔޮންގަށް އަނިޔާގެ މައްސަލަތައް ދިމާވެ ހުސްވި ދެ ސީޒަނުގައި ވެސް ގިނަ އަދަދެއްގެ މެޗުތައް ގެއްލުމެވެ. ހާއްސަކޮށް ސީޒަނުގެ އެންމެ މުހިންމު ވަގުތު އޭނާ އަށް މުހިންމު މެޗުތައް ގެއްލުމަކީ ހުސްވި ސީޒަނުގައި ވެސް ބާސެލޯނާއިން ވަރަށް ބޮޑަށް ހާސްވާން ޖެހުނު ކަމެކެވެ.

މިހެންވެ ކޯޗު ހަންސީ ފްލިކް ބޮޑަށް އިސްކަންދެނީ އޭނާގެ ބަދަލުގައި އާ މިޑްފީލްޑަރަކު ގެނައުމަށެވެ. މި ގޮތުން ބާސެލޯނާއިން ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީ އަށް ކުޅޭ ސްޕޭނުގެ ކެޕްޓަން ރޮޑްރީ ހިމެނެ އެވެ. ނަމަވެސް އޭނާ ގަތުމުގެ ކުރިން ޑިޔޮންގް ވިއްކަން ޖެހޭ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.