ކުޅިވަރު

ޗެމްޕިއަން މާޒިޔާ ފުރަތަމަ ފަހަރަށް ލީގު ޝީލްޑް އުފުލާލައިފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ޝީލްޑް އުފުލާލައިފިއެވެ. 

ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގް ޝީލްޑް ހަވާލްކުރުން އޮތީ  ލީގުގައި އީގަލްސް އަދި މާޒިޔާ ވާދަކުރި މެޗަށް ފަހުއެވެ. ލީގުގެ ފަހު މެޗް މާޒިޔާ ދޭއް އެކަކުން ކާމިޔާބުކުރިއިރު، މެޗުގައި މާޒިޔާގެ ދެ ގޯލްވެސް ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އީގަލްސްގެ ލަނޑު ޖަހައިދިނީ ރިސްތޭ ނައުމޯފްއެވެ.

img:http://s1.psmnews.mv/images/660x400/14771649993866.jpg|މިއީ މާޒިޔާ ލީގު ހޯދި ފުރަތަމަ ފަހަރު - ފޮޓޯ: ވަހީދު ޕީއެސްއެމް

 މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ފާސިރުއެވެ. ލީގުގެ އެންމެ މޮޅު ގޯލްކީޕަރަށް ހޮވުނީ އީގަލްސްގެ ބިދޭސީ ކީޕަރ ސުޖަން ޕެރޭރާއެވެ. 47 ޕޮއިންޓާއިއެކު ލީގްގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު، 42 ޕޮއިންޓާއިއެކު ލީގުގެ ދެވަނަ ލިބުނީ ޓީސީއަށެވެ. 38 ޕޮއިންޓާއިއެކު ލީގްގެ ތިންވަނަ ކްލަބް އީގަލްސް ހޯދިއިރު ފުރަތަމަ ޑިވިޝަންގައި އަލަށްވާދަކުރި ޔުނައިޓެޑް ވިކްޓްރީ ވަނީ ލީގުގެ ހަތަރުވަނަ ހޯދާފައެވެ. މިއަހަރުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީވެސް ޔުނައިޓެޑް ވިކްޓްރީއެވެ. ލީގުގެ ފަސްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އަދި ލީގުގެ ހަވަނަ ލިބުނީ ކްލަބް ވެލެންސިޔާއަށެވެ.

 ލީގުގެ ހަތްވަނަ ލިބިގެން ރެލިގޭޝަން ޕްލޭ އޮފްގައި ވިކްޓްރީ ވާދަކުރަންޖެހުނުއިރު، ހަތަރު އަހަރަށްފަހު ފުރަތަމަ ޑިވިޝަނުން ބީޖީވަނީ ރެލިގޭޓްވެފައެވެ.