ޚަބަރު

ތައިލެންޑުގެ ރަސްގެފާނަށް ފަހުގެ އިޙްތިރާމް އަދާކުރައްވައިފި


ތައިލެންޑުގެ ރަސްގެފާނު ޕުމިޕޯން އަދުންޔަދޭ އަވަހާރަވުމާއި ގުޅިގެން، ރަސްގެފާނަށް ފަހުގެ އިޙްތިރާމް އަދާކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ގްރޭންޑް ޕެލަސްގައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު، ތައިލެންޑުގެ ކުރީގެ ރަސްގެފާނުގެ ހަށިކޮޅުގެ އަރިހަށް ޒިޔާރަތް ކުރައްވައި އިޙްތިރާމް އަދާކުރެއްވުމަށް ފަހު، ގަނޑުވަރުގައި ބަހައްޓާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ޔާމީންގެ މެސެޖެއް ލިޔުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތައިލެންޑުގެ ކުރީގެ ރަސްގެފާނު ޕުމިޕޯން އަދުންޔަދޭގެ ދިގު ވިރާސަތުގައި އެ މަނިކުފާނަށް ތައިލެންޑުގެ އެންމެހައި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގަތުމުގެ އަސްލެއް ކަމުގައިވާ އެ މަނިކުފާނުގެ ހިތްޕުޅުތިރި، އަޅާލުންތެރި މިޒާޖުފުޅަށާއި، ދުރު ވިސްނުންފުޅުގެ މައްޗަށް ބައްލަވައިލައްވާފައިވެއެވެ.

އަދި ކުރީގެ ރަސްގެފާނު ޕުމިޕޯން އަދުންޔަދޭގެ ޢާއިލާއަށާއި، ތައިލެންޑުގެ އެންމެހައި ރައްޔިތުންނަށް ފުން ހިތާމައެއް ލިބިފައި މިވާ ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި، އަދި އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ އަރިސް ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.