ޚަބަރު

އައްޑޫގެ މަގުތަކުގައި 40 ސްޕީޑް ބްރޭކަރ ހަރުކުރުމަށް ނިންމަވައިފި


އައްޑޫސިޓީ ލިންކް ރޯޑާއި، އެ ސިޓީގެ ތާރު އެޅި މަގުތަކުގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި، މުއައްސަސާތައް ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މަގުތަކުގައި 40 ސްޕީޑް ބްރޭކަރ ހަރުކުރުމަށް ނިންމަވައިފިއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، މި ސްޕީޑް ބްރޭކަރ ތަކަކީ ރަބަރުން ހަދާފައިވާ ފެންވަރު ރަގަޅު ސްޕީޑް ބްރޭކަރތަކެއް ކަމަށެވެ.

ރާއްޖޭގައި ހިނގާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އެއް ތަނަކީ އައްޑޫސިޓީގެ ލިންކް ރޯޑާއި، އެ ސިޓީގެ ތާރު އެޅި މަގުތަކެވެ. އަދި މަގުމަތީގެ އެކްސިޑެންޓްތަކުގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އައްޑޫސިޓީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ފާއިތުވި 5 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 50 އެކްސިޑެންޓް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިނގައެވެ. އަދި މި ހިނގާ 2016 ވަނަ އަހަރުގެ މިހާތަނަށް 41 އެކްސިޑެންޓް އެމަގުތަކުގައި ހިނގާފައިވެއެވެ.

އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުންނާއި، ހައުސިން މިނިސްޓްރީއާއި، ޓްރާންސްޕޯޓް އޮތޯރިޓީން ގުޅިވަޑައިގެން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާ މިދިޔަ އަހަރުވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އާންމުން ހޭލުންތެރިކޮށް ހެލްމެޓް އެޅުމަށް ބާރު އެޅުމުގެ ކެމްޕޭންތައް ކުރިއަށް ގެންދަވާފައިވެއެވެ. އަދި މިހާރު މިވަނީ ތާރު މަގުތަކުގައި ޒަމާނީ ފެންވަރުގެ ސްޕީޑް ބްރޭކަރތަކެއް ހަރުކުރުމަށް ނިންމަވާ އެ މަސައްކަތް ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފައެވެ. ހައުސިން މިނިސްޓްރީން މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ތާރު އަޅައިގެން ސްޕީޑް ބްރޭކަރތައް ހަދާފައިވަނިކޮށް، ބަޔަކު ގެއްލުންދިނުމުގެ ސަބަބުން ބައެއް ސްޕީޑް ބްރޭކަރތައް ވަނީ ހަލާކުވެފައެވެ. ހައުސިން މިނިސްޓަރގެ ނައިބު އަބްދުﷲ ޒިޔާދު ވިދާޅުވީ، ސްޕީޑް ބްރޭކަރތަކަށް ބަޔަކު ގެއްލުން ދިނުމުން، އެކަން ބައްލަވާ ޒަމާނީ ސްޕީޑް ބްރޭކަރތަކެއް ހަރުކުރުމަށް ނިންމެވީ ކަމަށާއި، އެފަހަރު ސްޕީޑް ބްރޭކަރތައް ހެދުނީ ތުނިކޮށް ތާރު އަޅައިގެން ނަމަވެސް އަލަށް ހަރުކުރާ ސްޕީޑް ބްރޭކަރތަކަކީ ރަބަރުން ހަދާފައިވާ ޒަމާނީ ފެންވަރުގެ ސްޕީޑް ބްރޭކަރތަކެއް ކަމަށެވެ. ޖުމްލަ 40 ސްޕީޑް ބްރޭކަރ ހަރުކުރާއިރު، މި ބްރޭކަރތައް ހަރުކުރާނީ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ ސަރަޙައްދުތަކާއި، އާންމުން އެންމެ ގިނައިން ބޭނުންކުރާ ސަރަޙައްދުތަކުގައި ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާއިރު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓުން ވިދާޅުވީ ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް ރައްޔިތުންގެ ސަލާމަތަށް އެޅިގެންދާ މި ފިޔަވަޅުގެ ނަތީޖާ ފެނިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.