ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން 3 ޕާޓީއަކަށް ފިޔަވަޅު އަޅައިފިއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެއްވަމުން އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއެވެ. އޭގެ ތެރެއިން އެމްއެންޕީ އާއި އަދާލަތުން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ. އަދި އެމްޑީޕީގެ މާލީ ބަޔާން ހުށަހަޅާފައިވަނީ މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުންނެވެ.
ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހަޅަންޖެހޭނީ އަހަރުގެ ފުރަަތަމަ 90 ދުވަހުގެތެރޭގައެވެ. އެ މުއްދަތު ހަމަވީ މިދިޔަ މޭއި މަހުގެ 20އަށެވެ. އެގޮތުގެމަތިން އަމަލުނުކުރާ ހުރިހާ ޕާޓީ އެއް 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރުމަށް އީސީން ނިންމާފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅަން އިލެކްޝަނުން މުއްދަތު ދިނީ މެއި 20، ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ޕީއެންސީ. ޖޭޕީ އާއި އެމްޑީއޭ އިން ވަނީ ބަޔާން ހުށަހަޅާފައެވެ.
ވެރިކަން ކުރާ ޕީއެންސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 14.1 މިލިއަން ރުފިޔާގެ ތެރެއިން 13.3 މިިލިއަން ރުފިޔާއަކީ އީސީއިން ދިން ފައިސާއެވެ. އަދި 842،000ރ. އަކީ އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާއެވެ.
އީސީގެ ތަފާސްހިސާބުން އެނގޭ ގޮތުން އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ އާއި ޕީއެންސީއިންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީއަށް 2025ގައި އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން 8.4 މިލިއަނަކީ އީސީން ދިން ފައިސާއެވެ. އެ ޕާޓީއަށް އެހީގެ ގޮތުގައި ލިބުނު މިލިއަނެއްހާ ރުފިޔާ ލިބިފައިވާ އިރު ކުންފުނިތަކުން އެހީގެ ގޮތުގައި57،095ރ. ލިބިފައިވެއެވެ.