64 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 2 އިން 12 އަށް މާލޭ ޓޭބަލް ޓެނިސް ހޯލުގައެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، މުބާރާތުގައި ވާދަކުރާ 11 އަހަރުންދަށާއި 13 އަހަރުންދަށުގެ އުމުރުފުރާގެ ކުދިންނަށް އޮންނާނީ ހަމައެކަނި ސިންގަލްސް މެޗުތަކެވެ. 15 އަހަރުންދަށުގެ ކުދިންނަށް ސިންގަލްސް އަދި ޑަބަލްސްގައި ވާދަކުރެވޭއިރު، 17 އަދި 19 އަހަރުންދަށުގެ ކުދިންނަށް ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލް މެޗުތައް ކުރިއަށްދާނެއެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ އިތުރުން ވެޓެރަންސް ކެޓަގަރީގެ ކުޅުންވެސް އޮންނާނެއެވެ. މި ތިން ކެޓަގަރީގައިވެސް ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްގެ މެޗުތައް އޮންނާނެއެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ޓީމް އިވެންޓްތަކުގެ ކުޅުންވެސް މިމުބާރާތުގައި ކުރިއަށްދާނެއެވެ.
64 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމާހަމައަށްވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގެ ގުރުނެގުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު މާލޭ ޓީޓީ ހޯލުގައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.