ރިޕޯޓް

ސެންޓްރަލް ޕާކްގެ ކަސްރަތު ކުރާމީހުންގެ ޒޯން އަންނަމަހު ހުޅުވާނެ


ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަސްރަތު ކުރާމީހުންނަށް ޙާއްޞަކޮށްގެން ތަރައްޤީކުރާ ޒޯން, އަންނަ ނޮވެމްބަރ މަހުގެ މެދެއްހާ ތާނގައި އާންމުންނަށް ހުޅުވޭނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. 

ކަސްރަތު ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މި ޒޯންގެ އައުޓްޑޯ ޖިމް ސެޓަޕްގެ އިކުއިޕްމެންޓްސް ހަރުކުރުމުގެ ޢަމަލީ މަސައްކަތް  މިހާރު ދަނީ ކުރަމުންނެވެ.ހުޅުމާލޭ ސެންޓްރަލް ޕާކަކީ މާލެ ސަރަޙައްދުގައި ތަރައްޤީކުރައްވަމުން ގެންދަވާ އެންމެ ބޮޑު ޕާކެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކުރާ މި ޕާރކްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމަވައި އާމުންނަށް ވަނީ ހުޅުއްވާފައެވެ. އެޗް.ޑީސީން މިހާރު ގެންދަވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކަސްރަތުކުރާ ފާރާތްތަކަށް ޙާއްޞަކޮށްގެން ތަރައްޤީ ކުރައްވަމުން ގެންދަވާ ޒޯންގެ މަސައްކަތް ކުރައްވަމުންނެވެ. 

މި އޭރިޔާގެ މަސައްކަތް ކުރިޔަށްދާ ގޮތާއިގުޅޭ ގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ  މެނޭޖިންގ ޑިރެކްޓަރ  މުޙައްމަދު ސައިމަން ވިދާޅުވީ ސެންޓްރަލް ޕާރކަކީ ގިނައަދަދެއްގެ މީހުން ކަސްރަތު ކުރުމަށް ބޭނުން ކުރަމުންގެންދާ އޭރިޔާއެއްކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޚާއްސަ އައުޓްޑޯ ޖިމް ސެޓަޕެއް، ސެންޓަރަލް ޕާރކްގައި ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި އޭރިޔާ އަންނަ ނޮވެމްބަރ މަހުގެ މެދެއްހާ ހިސާބުގައި އާމުންނަށް ހުޅުވާލެވޭވަރުވާނެކަމަށް ސައިމަން ވިދާޅުވިއެވެ. 

" ރެކްރިއޭޝަނަލް ޒޯން ގެ އެންމެ ބޮޑު އެއްފީޗާ އަކީ އައުޓްޑޯ ޖިމް ސެޓަޕް. އައުޓްޑީ ޖިމް ސެޓަޕް ގެ އިކްއިޕްމެންޓްސް ހަރުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ކުރިޔަށް އެބަދޭ. ގާތްގަޑަކަށް 18 ވަރަކަށް ޖިމް އިކްއިޕްމަންޓް އެކުލެވޭގޮތަށް ވަރަށް ބޮޑު ސަރަޚައްދެއްގައި މިހާރުވެސް ސެންޓްރަލް ޕާކްގައި ކަސްރަތު ކުރުމަށްޓަކައި އެ އޭރިޔާއަކީ ވަރަށް ބޮޑަށް މީހުން ބޭނުންކުރާ އޭރިޔާއަކަށް ވެފައި ޕަބްލިކް އައުޑްޑޯ ޖިމް ސެޓަޕެއް ރެކްރިއޭޝަނަލް ޒޯނެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއް. " ސައިމަން ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14607457845156.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް- ފޮޓޯ: އެޗްޑީސީ

އެޗް.ޑީ.ސީން ގެންދަވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފައުންޓަން އޭރިޔާއެއް ހެއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. މި ފައުންޓެން އޭރިޔާ ވެގެންދާނީ ރާއްޖޭގައި ހެދޭ އެންމެ ބޮޑު މިފަދަ  އޭރިޔާއަށްކަމަށް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ ފައުންޓެން އޭރިޔާގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. 

" ފައުންޓެން އޭރިޔާ ހެދިގެން އަންނައިރު އޭގެ ހުރިހާ ޑިޒައިނިންގ މަސައްކަތް އެމްޑަބްލިއު އެސްސީގެ އެހީތެރިކަމާއެކު ގާތްގަޑަކަށް ނިމުމަކާއި ހަމައަށް އައިސްފައިވަނީ. ފިޒިކަލް ޑިވެލޮޕްމެންޓް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. މާގިނަދުވަހެއް ނުވެ އަމަލީ މަސަކަތް ފެށިގެންދާނެ. " ސައިމަން ވިދާޅުވިއެވެ. 

ސެންޓަރަލް ޕާކްތަރައްޤީކޮށް ނިމޭއިރު، އެ ޕާރކްގެ ތެރޭގައި ލެޑް ގާޑެންއެއް ހުންނާނެކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއްވައެވެ. އަދި މި ލެޑްގާޑެން ނިމުމުން ސެންޓްރަލް ޕާރކަށް އިތުރު ރީތިކަމާއި ފުރިހަމަކަން ލިބިގެންދާނެކަމަށްވެސް އެޗްޑިސީން ވިދާޅުވެއެވެ.