ރިޕޯޓް

"ރ.ފައިނު ބަނދަރުގެ މަސައްކަތް ނިމިއްޖެ"


ރ.ފައިނު ބަނދަރުގެ ޢަމަލީ މަސައްކަތް ނިންމާ، ހައުސިން މިނިސްޓްރީއާ ޙަވާލުކޮށްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީސީން ވިދާޅުވެއްޖެއެވެ. 

އާ ބަނދަރާއެކު ފައިނަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލައަށް ވަނީ ދާޢިމީ ޙައްލެއް ލިބިފައެވެ. 

ރ.ފައިނަކީ 440 އަށްވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. މިރަށު ރައްޔިތުންގެ ދެކެމުންއައި އެއް ހުވަފެނަކީ ޒަމާނީ ފެންވަރުގެ ބަނދަރެއް މިރަށުގައި ހެދިގެން ދިއުމެވެ. ސަރުކާރުން ވަނީ ފައިނުގެ ރައްޔިތުން ދެކެމުންއައި ހުވަފެން ހަޤީގަތަކަށް ހައްދަވައިދެއްވުމަށްޓަކައި އެ ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވާދެއްވާފައެވެ. އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވައިގެން ކުރިޔަށްގެ ގެންދެވި ބަނދަރުގެ މަސައްކަތް ނިމި މިހާރު ވަނީ ބަނދަރު ހައުސިން މިނިސްޓްރީއާ ޙަވާލުކޮށްފައެވެ. ރ.ފައިނުގެ ބަނދަރާއި ގުޅޭގޮތުން ޕީ.އެސް.އެމް.ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާރޓްމެންޓްގެ ޓެކްނިކަލް އެކްޒެކެޓިވް އަޙްމަދު ލަޡީފް ވިދާޅުވީ ފައިނުގައި ތަރައްޤީކުރި ބަނދަރަކީ 350 ފޫޓް ދިގު، އަދި  200 ފޫޓް ފުޅާ ބަނދަރެއް ކަމަށެވެ.މީގެއިތުރުން ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ވިދާޅުވީ، އެރަށުގެ ބަނދަރު ހެދިފައިވަނީ ރައްޔިތުން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނެވި، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.ފައިނުގއި ބަނދަރު ހެދުމަށް ސަރުކާރުން ވަނީ 30 މިލިޔަނަށް ވުރެ ގިނަރުފިޔާ ޚަރަދުކޮށްފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2014 ވަނައަހަރުގެ ފަހުކޮޅުއެވެ.