ޚަބަރު

ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކަކަށް ޔަހޫދީން ފާރަލިކަން ހާމަވެއްޖެ


ޔަހޫދީންގެ ނިރުބަވެރި ދައުލަތުން 2013 ވަނަ އަހަރު ބައިނަލްއަޤުވާމީ 150 އަށް ވުރެ ގިނަ މަދަނީ ޖަމްޢިއްޔާތަކުގެ ތަފްޞީލީ މަޢުލޫމާތު އެއްކޮށް، އެ ޖަމްޢިއްޔާތައް މޮނިޓަރކޮށްފައިވާކަން ރަސްމީ ލިޔުމަކުން ހާމަވެއްޖެއެވެ.

އަލްޖަޒީރާ ނޫހަށް ލިބިފައިވާ މި ލިޔުމަކީ ޔަހޫދީ ދައުލަތުގެ މިނިސްޓްރީ އޮފް ވެލްފެއަރ އެންޑް ސޯޝަލް އެފެއާރޒްގެ ވެބްސައިޓެއް މެދުވެރިކޮށް ހޯދާފައިވާ ލިޔުމެކެވެ.

މި ކަރުދާހުގައި ޖަމްޢިއްޔާތަކުގެ ޑިރެކްޓަރުންގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރުގެ އިތުރުން އެ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކުގެ ތަފްޞީލު ހިމަނާފައިވެއެވެ.

ޚާއްޞަކޮށް "ކޮމެންޓްސް" ކޮލަމްގައި، ޔަހޫދީންނާ ދެކޮޅަށް ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި، ޔަހޫދީން ބޮއިކޮޓްކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާ ޙަރަކާތްތަކުގައި ބައިވެރިވާ ޖަމްޢިއްޔާތައް ވަނީ ފާހަގަކޮށްފައެވެ.

މި ލިސްޓުގައި ހިމެނޭ މަޝްހޫރު ޖަމްޢިއްޔާއެއް ކަމަށްވާ އޮކްސްފާމް އަކީ ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދޭ ޖަމްޢިއްޔާއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް އޮކްސްފާމް އިން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ޖަމްޢިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި، ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުކޮށްފައިވާ ޔަހޫދީންގެ އާބާދީތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އެ ޖަމްޢިއްޔާއިން އަބަދުވެސް ޤަބޫލުކުރާ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ޔަހޫދީންގެ ޖަމްޢިއްޔާއެއް ކަމަށްވާ 'ގިޝާ' ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަޢުލޫމާތަކީ ސަލާމަތީ ކަމަކާ ގުޅުންހުރި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވާ ޖަމްޢިއްޔާތަކަށް ޔަހޫދީ ދައުލަތުން ފާރަލަމުންދާކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޢުލޫމާތުތައް އެއްކުރުމުގައި ޔަހޫދީންގެ ކަނާތު ފިޔައިގެ ޖަމްޢިއްޔާއެއް ކަމަށްވާ 'އެންޖީއޯ މޮނިޓަރ' ގެ އެހީތެރިކަން ހޯދާފައިވާކަން ވެސް ލިޔުމުން އެނގެއެވެ.

މި ކަރުދާސް ތައްޔާރުކޮށްފައިވަނީ 2013 ވަނަ އަހަރު ޔަހޫދީ ދަޢުލަތާ ދެކޮޅަށް ބައިނަލްއަޤުވާމީ ބޮއިކޮޓް ކެމްޕޭންތައް ވަރުގަދަވި ދުވަސްވަރެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިއީ 2017 ވަނަ އަހަރު ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ތާޢީދުކުރާ މީހުން އެތެރެވުން މަނާކުރާ ޤާނޫނު ފާސްކުރުމުގެ ކުރިން، އެކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ހިންގި މަސައްކަތެކެވެ.

މި ލިސްޓުގައި ވޯލްޑް ވިޜަން، ނޯވޭގެ ރެފިއުޖީ ކައުންސިލް އަދި މެޑިކަލް އެއިޑް ފޯ ޕަލަސްޓައިން ފަދަ ބޮޑެތި އެތައް ޖަމްޢިއްޔާތަކެއް ހިމެނެއެވެ. ފަލަސްޠީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ޔަހޫދީ ދައުލަތުން ކުރިމަތިކުރާ ހުރަސްތައް މިހާރު ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަ ކުރުމުގެ ޖަރީމާތަކުގައި ވަނީ އިތުރަށް ބޮޑުވެފައެވެ.