ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް 10 މީހުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ، މިމަހުގެ 8ގައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމަޤާމުން އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާ ދެއްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުއެވެ.
ހޫދު މުޙައްމަދު / ވަލުގެ، ގދ.މަޑަވެލި
އަޙްމަދު ރިފްޢަތު / ސީފިޔާގެ، ރ.މަޑުއްވަރީ
އާދަމް ޝަމީމު / މަލާޒް، ދ.މާއެނބޫދޫ
އާމިނަތު ނަޝްމީ ފަޟީލް / މ.ޒޭވަރު، މާލެ
ޢާއިޝަތު ޙިކްމާ / އަސްރަފީވިލާ، ސ.ހިތަދޫ
އިސްމާޢީލް ސާޖިދު / މއ.ވިލާރޮދި، މާލެ
މުޙައްމަދު ނިޔާޒް / ނައިޓްރޯސް، މ.ރަތްމަންދޫ
މަރްޔަމް ޝަހާނާ / މ.މެދުރިޔާ، މާލެ
މަރްޔަމް ނިހާޔަތު / މ.ތާޖް، މާލެ
ޝަފީޤާ ނަޢީމް / ބީޗްސައިޑް، ފ.ނިލަންދޫ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދު އަޚްލާޤީ ޢަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ހުށައަޅާ ފަރާތަކީ، އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހެއެވެ. އަދި އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ މި މަޤާމަށް ކުރިމަތިލާ މީހެއްގެ ޝަރުތެކެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000 ރުފިޔާ، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލެވެންސްއެއްގެ ގޮތުގައި 2،000 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.