ކުޅިވަރު

ޔޫއޭފާގެ ރައީސް ވޯލްޑް ކަޕް ފައިނަލަށް ވަޑައިނުގަތީ ކީއްވެ؟


އާދީއްތަ ދުވަހުގެ ރޭ ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ބޮއިކޮޓް ކުރެއްވީ ކީއްވެ ހެއްޔެވެ؟

ފުޓްބޯޅައިގަ އެންމެ ބާރުގަދަ ބައްރުގެ ރައީސް، އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް އެމެރިކާގެ ނިއުޖާޒީ އަށް ވަޑައިނުގަތީ ފީފާއާ މެދު އޮތް ހިތްހަމަ ނުޖެހުންތަކާހެދި އެވެ. ނަމަވެސް އޭނާ ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ހުސްވި މެހު މެކްސިކޯ އަަށް ވަޑައިގެންފަ އެވެ. ނަމަވެސް ސްޕޭނާއި އާޖެންޓީނާ ކުޅުނު ފައިނަލް މެޗު ބައްލަވަން ސެފެރިން އެމެރިކާ އަށް ވަޑައިނުގަތީ ފީފާގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.

އޭނާ ގެންދަވަނީ އެމެރިކާގެ ސަރުކާރާއއި ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނިންމަވާ ނިންމުންތަކުގައި ސިޔާސީ ކުލަވަރު ޖެހިފައިވާ ކަމަށާއި އެއީ ފީފާގެ ގަވާއިދުތަކާ ހިލާފުވެވަޑައިގަތުން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސެފެރިން މިފަހުން އެންމެ ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަތީ އެމެރިކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފްލޯރިއަން ބަލޯގަން އަށް ވޯލްޑް ކަޕުގައި ދެއްކި ރަތްކާޑު ފީފާއިން މައާފުކޮށް އޭނާ އަށް ވޯލްޑް ކަޕުގެ ބަކީ މެޗުތަކުގައި ކުޅެވޭގޮތް ހެދުމުންނެވެ. ޔޫރަޕުން ދެކޭ ގޮތުގައި މިއީ ވެސް އެމެރިކާގެ ސަރުކާރު ރުއްސަން އިންފަންޓީނޯ ނިންމެވި ގޯސް ނިންމެވުމެވެ.

މީގެ ކުރިން ސެފެރިން ވަނީ ފީފާގެ ކޮންގްރެސް ވެސް ބޮއިކޮޓް ކޮށްފަ އެވެ. މި ގޮތުން ހުސްވި އަހަރު ޕެރަގުއޭގާއި ބޭއްވި ކޮންގްރެންސް އޭނާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ބޮއިކޮޓް ކުރީ އިންފަންޓީނޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ސައޫދީ އަރަބިއާ އާއި ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވަޑައިގަތުމަށްފަހު ގަޑިޖެހިގެން ކޮންގްރެސް އަށް ވަޑައިގަތުމުންނެވެ.

މިފަދަ ކަންކަމާއެކު ފީފާގެ ކުރިއަށް އޮތް އިންތިހާބަށް ރައީސް ކަމަށް އިންފަންޓީނޯއާ ވާދަކުރައްވަން ޔޫރަޕުން ކެނެޑިޑޭޓަކު ނެރޭނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.